ދުނިޔެ

އިސްރާއީލުން ފަލަސްތީނުގައި ހިންގީ ހަނގުރާމައިގެ ޖަރީމާތަކެއް- އދ

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އެތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށާ މިއީ ހަނގުރާމައިގެ ޖަރީމާ ފެންވަރުގެ އަމަލުތަކެއް ކަމަށް އދ. ން ސިފަކޮށްފިއެވެ.މިކަމާބެހޭ ތަހްގީގްތައް ކުރި އދ. ގެ ކޮމިޓީން ނެރުނު ރިޕޯޓްގައި އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކުންވެސް ހަނގުރާމައިގެ ޖަރީމާ ކަމަށްބެލެވޭފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ބުނެފައިވެއެވެ.އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިދިޔަ އަހަރުގެ ޖޫންމަހާއި ޖުލައިމަހު 51 ދުވަސް ވަންދެން ހިންގި އުދުވާނީ ހަނގުރާމައިގާ އިސްރާއީލުން މައިގަނޑު ގޮތެއްގައި ޙަމަލާތައްދީފައިވަނީ ފަލަސްތީނު ރައްޔިތުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތައްފަދަ މަދަނީ ތަންތަނަށެވެ. އަދި އަސްކަރީ ފައިޓަރ ޖެޓްތަކުން ގަސްދުގައި ޙަމަލާތައްދީ ގިނައިން ޝަހީދުކޮށްލާފައިވަނީވެސް ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ.މިގޮތުން އިސްރާއީލުގެ އުދުވާނީ ޙަމަލާތަކުގައި ފަލަސްތީނުގެ 2251 މީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރެއިން 1462 މީހުންނަކީ އާންމުންނެވެ. މީގެ ތެރެއިން 551 މީހުންނަކީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.އިސްރާއީލުގެ އުދުވާނުގައި ފަލަސްތީނުގެ 11231 މީހުން ޒަޚަމްކޮށްލާފައިވާއިރު މީގެތެރޭގައިވެސް ގިނައީ އާންމުންކަން އދ. ގެ ތަހްގީގް ޓީމުން ބުނެއެވެ. މި ޓީމުން ތައްޔާރުކޮށް އިއްޔެ ނެރުނު ރިޕޯޓްގައި އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއްމާރާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ދިން ޙަމަލާތަކުގެ ތެރެއިން ގިނަ ޙަމަލާތައްވެސް ސިފަކޮށްފައިވަނީ އަނިޔާވެރި އަމަލުތަކުގެ ގޮތުގައެވެ.މިގޮތުން ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 73 މީހުން މަރުވެފައިވާއިރު މީގެތެރޭގައި އިސްރާއީލުގެ އާންމުންގެ އެންމެ 6 މީހުން މަރުވެފައިވީނަމަވެސް އދ. ގެ ތަހްގީގް ޓީމުގެ ރިޕޯޓްގައި މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވިދާނެ އަމަލެއް ކަމަށް ސިފަކޮށްފައިވެއެވެ.ފަލަސްތީނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އާންމު ރައްޔިތުންގެ ގެދޮރަށްވެސް އަދި އިސްރާއީލުގެ މަދަނީ އިންފްރާސްޓްރަކްޗަރ އަށްވެސް މާބޮޑު ގެއްލުމެއް ލިބިފައެއްނުވެއެވެ. އަދި އިސްރާއީލުގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކަށްވެސް ފަލަސްތީނު މުޖާހިދުންގެ އެއްވެސް ޙަމަލާއެއް އަރާފައެއްނުވެއެވެ. ނަމަވެސް ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލުން ހިންގަމުން ގެންދިޔަ އާދަޔާ ޚިލާފު އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ހަހާސް ހަސަތޭކައަށްވުރެ ގިނަ ރޮކެޓާއި މޯޓަރު ބަޑީގެ ޙަމަލާތައް ދީފައިވެއެވެ.ފަންސާސް އެއްދުވަހަށްފަހު ޣައްޒާގެ އުދުވާނީ ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް މަޖްބޫރުވީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދެމުންގެންދިޔަ ރައްދު ޙަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ބާރުގަދަ އަސްކަރިއްޔާ ނާކާމިޔާބުވުމުގެ ސަބަބުންނެވެ.ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ނިންމި އިރުވެސް ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދެމުން ގެންދިޔަ ރޮކެޓް ހަމަލާތައް އެއްވެސް ވަރަކަށް އިސްރާއީލަށް ހުއްޓުވިފައެއްނުވެއެވެ. އަދި އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް އިސްރާއީލުން ކުރި މަސައްކަތްތައްވެސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންގެ އެއްވެސް ޖަމާއަތެއް ބަލިކޮށްލުމުގައިވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ.