ވިޔަފާރި

އެސްޑީއެފްއިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ފަންޑު ކަނޑައަޅައިފި


ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސާކް ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ފަންޑު ކަނޑައަޅާފައިވާކަމަށް އެސް.ޑީ.އެފްގެ ސީއީއޯ ޑރ. ސުނިލް މޯތިވަލް ވިދާޅުވެއްޖެއެވެ.

ސާކް ޤައުމުތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ 6 ވަނަ ބައްދަލުވުމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސް.ޑީ.އެފްގެ ސީއީއޯ ސުނިލް މޯތިވަލް ވިދާޅުވީ ރާއްޖެއާއި ގުޅުވައިގެން އެސްޑީއެފްއިން މުހިއްމު ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އުމުރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ސާކްގެ ޤައުމުތައް ކުރިއެރުވުމަށްޓަކައި މައިކްރޯ މިޑިއަމް އެންޑް ސްމޯލް އެންޓަރޕްރައިސަސްގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކުރުމަށް ނިންމާފައިވާކަމަށް ޑރ.ސުނިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކުދި ވިޔަފާރި ކުރިއެރުވުމަށްޓަކައި 10 މިލިއަން ޑޮލަރުގެ ފަންޑު ދިނުމަށް ނިންމާފައިވާކަމަށެވެ.

"ކުރިއަށްއޮތް ތަނުގައި ވަރަށް މުހިއްމު ޕްރޮޖެކްޓެއްގެ މަސައްކަތް އަޅުގަނޑުމެން އެބަ ފަށަން. މިއީ ރާއްޖެއާއި ވެސް ވަރަށް ގުޅޭ ޕްރޮޖެކްޓެއް މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ނުވަތަ "މައިކްރޯ މީޑިއަމް އެންޓަރޕްރައިސަސް" ފުޅާކޮށް ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން މިހާރު ވަނީ 10 މިލިއަން ޑޮލަރު ފަންޑުކުރަން ހަމަޖައްސާފަ. އަޅުގަނޑުމެންގެ އުއްމީދަކީ މި ފަންޑުގެ އެހީގައި ރާއްޖެއިން "މައިކްރޯ މީޑިއަމް އެންޓަރޕްރައިސަސް" ނުވަތަ އެމް.އެސް.އީ ތައް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުން. " ޑރ. ސުނިލް މޯތިވަލް ވިދާޅުވިއެވެ.

އެސްޑީއެފްގެ ސީއީއޯ ވިދާޅުވީ މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ އިސްމާޢިލް ފައްޔާޟާއެކު މުހިއްމު ވާހަކަތަކެއް ދެކެވުނުކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއެރުވުމުގައި ރާއްޖެއާއި އެސްޑީއެފްއިން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކާފައިވާކަމަށް ޑރ.ސުނިލް ވިދާޅުވިއެވެ.

"އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއެކު މިއަދު ވަރަށް މުހިއްމު ވާހަކަތަކެއް ދެކެވުނު. އެގޮތުން ސިއްޚީ ދާއިރާއާއި ޓޫރިޒަމް ދާއިރާ ކުރިއެރުވުމާއި އިޤްތިސާދީގޮތުން ރާއްޖެ ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާއި އެސްޑީއެފްއިން މިކަންކަމުގައި އެހީތެރިވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދެކެވުނު." ޑރ.ސުނިލް މޯތިވަލް ވިދާޅުވިއެވެ.

މި ފަންޑުގެ އެހީއާއެކު ރާއްޖޭގެ މުހިންމު ދެ ސިނާޢަތްކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން އަދި ސިއްޙީ ދާއިރާއަށް އިންވެސްޓުކުރާނެކަމަށް ސުނިލް ވިދާޅުވިއެވެ.

އެސްޑީއެފްގެ ސޯޝަލް ވިންޑޯގެ ދަށުން މިހާރުވެސް ރާއްޖޭގައި 7 ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން 5 ޕްރޮޖެކްޓެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު 4 ޕްރޮޖެކްޓެއް އަވަސް މުސްތަޤްބަލެއްގައި ނިމޭނެކަމަށް އެސްޑީއެފްއިން ބުނެއެވެ.

އެސްޑީއެފްއިން މިހާރުވެސް ދަނީ 08 ޤައުމެއްގައި 98 ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 198 މިލިއަން ޑޮލަރުގެ ފަންޑު އެކި ޤައުމުތަކަށް ފޯރުކޮށްދީފައިވާކަމަށް އެސްޑީއެފްއިން ބުނެއެވެ.