ވިޔަފާރި

ބިޑްނުކޮށް ޕްރޮޕޯސަލް ހުށަހަޅާ އުސޫލުގެ ދަށުން 137 ޕްރޮޕޯސަލެއް ލިބިއްޖެ - އިކޮނޮމިކް މިނިސްޓަރ


ބިޑް ކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން އެކި ފަރާތްތަކުން މިހާތަނަށް ސަތޭކައަށްވުރެ ގިނަ ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުން ޢާއްމުކޮށްފައިވާ ބިޑް ކުރުމަކާނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލުގެ ދަށުން މިހާތަނަށް 137 ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން އެކި ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމަށް ވިއްސަކަށް ޕްރޮޕޯސަލް ލިބިފައިވާއިރު، މަސައްކަތް ފެށުމާ ގުޅޭގޮތުން 15 ވަރަކަށް ޕްރޮޕޯސަލަކާމެދު މަޝްވަރާކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ކުންފުނިތަކުން ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާއިރު، ބްރިޖާއި ޕޯޓްތައް ހެދުމަށް މެދު އިރުމަތީގެ ޤައުމުތަކުންވެސް ޕްރޮޕޯސަލްތައް ލިބިފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ބިޑަކާއި ނުލާ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވަނީ ތަރައްޤީގެ މަސައްކަތް އަވަހަށް ނިންމުމަށްކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ވައުދުވެފައި މިއޮތީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ބޭސިކް އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތްތަކެއް ފަށާން. އޭގެ މާނައަކީ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ކަންކަމާއި ހައުސިންގއާ، ހެލްތު އެންޑް އެޑިއުކޭޝަން މިކަހަލަ ކަންތައްތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ގެންދިއުމަށްޓަކައި. އަޅުގަނޑުމެން މިއަދު ފަށައިގެން ކުރިއަށް އޮތް ދެ ތިން އަހަރެއްގެ ތެރޭގައި ނިންމާލަން، އަޅުގަނޑުމެން މި ޕާޓްނަރޝިޕް ފޯރަމްއާއި އެކިއެކި ބޭރުގެ ފަރާތްތަކާއި ބައްދަލުވާއިރު އެބަ ހުށަހަޅަން މިހިރަ މިހިރަ ކަންކަން. ބިޑަށް ހުޅުވާނުލާ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތަފާތަކީ ސަރުކާރުގެ ބަޖެޓުން ޓެންޑަރ ކުރާ އެއްޗެއްސެއް ނޫން، މިފަރާތްތަކުން މީގެ ފައިނޭންސްއާއެކު މިގެންނަނީ. އޭގެ ވަރަށް ބޮޑު ރީޒަނަކަށް މިވަނީ އެވައިލިބިލިޓީ އޮފް ފައިނޭންސް، އެހެންވީމަ ދިގު މުއްދަތަކަށް ފައިސާ ދެއްކޭ ގޮތަށް ލޯނާ އެއްކޮށް ގިނަ ޕްރޮޖެކްޓްތައް މި އަންނަނީ" އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ބިޑަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން ހުށަހަޅާ ޕްރޮޕޯސަލްތައްވެސް ވަރަށް ރަނގަޅަށް ސަރުކާރުން ދިރާސާކުރާނެކަމަށެވެ. އަދި ސަރުކާރަށް ހުށަހެޅޭ ޕްރޮޕޯސަލަކާމެދު ގޮތެއް ނިންމާނީ އެ މަޝްރޫޢަކާ ގުޅޭ ކަމާބެހޭ މުޢަސަސާތަކާއެކު މަޝްވަރާކުރުމަށްފަހުކަމަށް އިކޮނޮމިކް މިިނިސްޓަރ ވިދާޅުވިއެވެ.

"އަންސޮލިސްޓަޑް ޕްރޮޕޯސަލްތަކުގެ މައިގަނޑު ބޭނުމަކީ އަވަސް ކުރުން. ފައިނޭންސް ހިފައިގެން އައިސްގެން ދެން އަޅުގަނޑުމެން އޭތި ހަމަ އިވެލުއޭޓް އެބަކުރަން. ބޭނުން ބަޔަކު ކުރިމަތިލާއިރުގައި އަޅުގަނޑުމެން އިވެލުއޭޓްކޮށްފައި، ރާއްޖޭގައި ހުންނަ އަގުތަކާއި ކުރިން ކޮށްފައި ހުރި އަގުތަކާއި އެ އެއްޗިސްސާއި އަޅާބަލާފައި އަޅުގަނޑުމެން ޑިސައިޑްކުރަނީ. ކަމާ ގުޅުންހުރި މުއައްސަސާތަކާ އެއްކޮށް އިކޮނޮމިކް ކައުންސިލުން މި ޑިސައިޑްކުރަނީ" އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ބިޑް ކުރުމަކާނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލަކީ ސަރުކާރުން ޖެނުއަރީމަހު އާއްމުކުރި އުސޫލެކެވެ. މިއުސޫލުގެ ދަށުން ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ.