ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ


ވޯލްޑް ސްޕާ އެވޯޑްސްގެ "އިންޑިއަން އޯޝަންސް ލީޑިންޑް ސްޕާ ޑެސްޓިނޭޝަން އެވޯޑް" ޖެހިޖެހިގެން 5 ވަނަ އަހަރު ރާއްޖެއިން ހޯދައިފިއެވެ.

މި އެވޯޑް ރާއްޖެއަށް ލިބުނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ވޯލްޑް ސްޕާ އެވޯޑްސްގެ ތެރެއިންނެވެ.

ދުބާއީގެ ބުރުޖް ޚަލީފާ ޓަވަރު ކައިރީގައި ހުންނަ އަރުމާނީ ހޮޓެލް ދުބާއީގައި ބޭއްވި މި ހަފްލާގައި ރާއްޖޭގެ ފަރާތުން އެވޯޑާއި ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ފަރާތުން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒެވެ.

2015 ވަނަ އަހަރު ދޭންފެށި މިއެވޯޑްގެ މަޤްސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަ ކާމިޔާބީތައް ޙާސިލްކުރާ ފަރާތްތައް ފާހަގަކުރުމެވެ. އިންޑިއާ ކަނޑުގެ މި ކެޓަގަރީގައި މިއަހަރު ރާއްޖެއާ ވާދަ ކުރި ގައުމުތަކުގެ ތެރޭގައި މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް ހިމެނެއެވެ.

ފަތުރުވެރިން ގަޔާވާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ތަފާތު އެތަކެއް މަސައްކަތެއް ކުރަމުންދާއިރު މިފަދަ އެވޯޑެއް ލިބުމުން ފަތުރުވެރިން ދިވެހިރާއްޖެ ބަލައިގަންނަ މިންވަރު ހާމަވެގެންދާކަމެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި "އިންޑިއަން އޯޝަންސް ލީޑިންޑް ސްޕާ ޑެސްޓިނޭޝަން އެވޯޑް" ރާއްޖެއަށް ލިބިގެންދިޔުމަކީ މިސަރަހައްދުގައި ހިމެނޭ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިތުރަށް އިސްތިހާރުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރު ވެގެންދާނެ ކަމެއް ކަމެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.