ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން އަންގާރަދުވަހުގެ ނިޔަލަށް ސޫރިޔާގެ އިރުއުތުރުގެ ހުރިހާ ސަރަޙައްދަކުން ނުފާބައިފިނަމަ އެ ސަރަޙައްދަށް ޙަމަލާތައް ދޭން އަލުން ފަށާނެކަމުގެ އިންޒާރު ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފިއެވެ.
ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އަންކާރާއިން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިން ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުން ފޭބުމަށް ފުރުޞަތުދިނުމަށް އެމެރިކާ މެދުވެރިއަކަށް އޮވެ، މިދިޔަ ހުކުރުދުވަހު ވެފައިވާ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އަންގާރަދުވަހުގެ ނިޔަލަށް ހަމަވާނެކަމަށެވެ. އަދި އެ މުއްދަތު ހަމަވާއިރު އެ ސަރަޙައްދުތަކުން ނުފާބައިތިބި ވައިޕީޖީ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ތުރުކީ ސިފައިން ޙަމަލާތައް އަލުން ފަށާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ހޯމަދުވަހު ވައިޕީޖީގެ ކޮމާންޑަރަކުވަނީ ސޫރިޔާގެ އިރުއުތުރުގެ ސިޓީއެއްކަމަށްވާ ރަޢްސުލްޢައިނުން އެ ޖަމާޢަތުގެ ހުރިހާ ހަނގުރާމަވެރިން ފާބައި ނިންމިކަން އިޢުލާނުކޮށްފަ.
މިއާއެކު އުރުދުޣާންވެސްވަނީ ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކުން ވައިޕީޖީ ފައިބަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ތުރުކީ ސިފައިން މީގެ ދިހަވަރަށް ދުވަސްކުރިން ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ޙަމަލާތައްދޭންފެށީ އެ ސަރަޙައްދުތަކުން ވައިޕީޖީ ފައްސާލައި ތުރުކީގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީން ވަޒަންވެރިކުރުވުމަށް އަމާން ސަރަޙައްދުތަކެއް ޤާއިމުކުރުމުގެ ބޭނުމުގައިކަމަށް ތުރުކީ މަސްޢޫލުވެރިން ވިދާޅުވެއެވެ.