ނޭވާލާ ނިޒަމުގެ ތެރެއަށް އެކިބާވަތްތަކުގެ ކުދި އެތިކޮޅުތައް ގޮސްގެން އައިޖީއެމްއެޗަށް ގެންދެވޭ ކުދިންގެ ޢަދަދު ފަހަކަށް އައިސް އިތުރުވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މިއީ ވަރަށް އާދައިގެ ކަމެއްކަމަށް ބައެއް މީހުންނަށް ހީވިޔަސް ހަޤީޤަތަކީ މިއީ އެކުދިންގެ ފުރާނައާއި ގުޅިފައިވާ ވަރަށް ނުރައްކާތެރިކަމެކެވެ.
ނޭވާލާ ނިޒާމުގައި ހިމެނޭ ހޮޅިތަކަކީ ވަރަށް ހިމަ އެހާމެ ނާޒުކު ހޮޅިތަކަކަށްވާއިރު މިފަދަ ހޮޅިއެއްގެތެރެއަށް ދާންނުޖެހޭ އެކިބާވަތުގެ ކުދިކުދި އެއްޗެހި ދިޔުމަކީ ފުރާނައަށް ނުރައްކާވެދާނެފަދަ ކަމެއްގެ ގޮތުގައި އައިޖީއެމް ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓެންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ.މޫސާ ޙުސެއިން ފާހަގަކުރައްވައެވެ. ބޮޑެތި މީހުންނާ ޚިލާފަށް ކުޑަކުދިންގެ ނޭވާލާ ނިޒާމުގެ ހޮޅިތައް މާބޮޑަށްވެސް ހިމަވުމުގެ ސަބަބުން ކުޑަކުއްޖެއްގެ ނޭވާލާ ހޮޅިތެރެއަށް އެއްޗެއް ގޮސްފިނަމަ އޭގެ ނުރައްކާ ވަކިން ބޮޑުވާކަމަށް ޑރ.މޫސާ ވިދާޅުވިއެވެ.
ޑރ.މޫސާ ވިދާޅުވީ މިހޮޅީގެ އެކިހިސާބުގައި އަދި ފުއްޕާމޭގެ އެކި ހިސާބުގައި އެކިއެކި އެތިކޮޅުތައް ތާށިވެގެން އައިޖީއެމް ހޮސްޕިޓަލަށް އަންނަލެއް ފަހަކަށްއައިސް އިތުރުވެފައިވާކަމަށެވެ. ރާއްޖޭގައި ޢުމުރުން 2 އަހަރުން ފެށިގެން 18 އަހަރާއި ދެމެދުގެ ކުދިންގެ ނޭވާލާ ހޮޅި އަދި ފުއްޕާމެއަށް އެކި އެއްޗިހި ގޮސްގެން އައިޖީއެމްއެޗަށް އަންނަކަން އޭނާ ފަހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި 5 އަހަރުތެރޭގައި އައިޖީއެމްއެޗުގައި މިފަދަ 35 ކުއްޖެއްގެ ނޭވާލާ ނިޒާމުގެ ތެރެއިން އެތިކޮޅުތައް ނަގާފައިވާކަމަށް ޑރ.މޫސަ ވިދާޅުވެއެވެ.
ނޭވާލާ ނިޒާމުގެ ތެރޭގައި އެތިކޮޅުތައް ތާށިވުމަކީ ނުރައްކާކަމަކަށްވާއިރު އެފަދަ އެއްޗެއް ނެގުމަކީވެސް ކަވި ނުރައްކާކަމެއްގެ ގޮތުގައި ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކުއްޖާގެ އަޑުފޮށި ހަލާކުވުމާއި ފުއްޕާމޭ ހަލާކުވުމަކީވެސް މެދުވެރިވެދާނެ ޙާލަތެއްކަމަށް އޭނާ ވިދާޅުވެއެވެ. ދާދި ފަހުން ޢުމުރުން 6 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ކުޑަކުދިން ކުޅެން ގެންގުޅޭ "ލެގޯ" އެތިކޮޅެއް ނެގުމަށް ކުރި ސަރޖަރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ.މޫސާ ވިދާޅުވީ 2 ގަޑިއިރުގެތެރޭގައި އެޕްރޮސީޖަރ ނިންމާލެވުނުނަމަވެސް ކުޑަކުއްޖަކަށްވުމުގެ ސަބަބުން އެއީ ކުރަން ވަރަށް އުނދަގޫ އަދި ރިސްކީ ޕްރޮސީޖަރއެއްކަމަށެވެ.
މި ސަރޖަރީ ކުރީ ދަގަނޑު ހޮޅިއެއްގޮތަށް އޮންނަ ރިޖިޑް ބްރޮންކަސްކޯޕެއްގެތެރެއަށް އިތުރު ފޯސެޕެއް ލައްވާ ހިފައިގެންކަމަށް ޑރ.މޫސަ ވިދަޅުވިއެވެ. މިޕްރޮސީޖަރ ކުރިއަށްގެންދިޔައީ އެކުއްޖާ އެއްކޮށް ހޭނުނައްތާ ކޮންމެވެސް ވަރަކަށް ނިންދަވައިގެންނެވެ. އަދި ކުއްޖާގެ އޮކްސިޖަން ދައްވާތީ ކޮންމެ ފަހަރަކުވެސް ބްރޮންކަސްކޯޕް ނެގުމަށްފަހު ކުއްޖާގެ އޮކްސިޖަން ސްޓޭބަލައިޒްކުރުމަށް ވަގުތުކޮޅެއް ދޭންޖެހެއެވެ. އެ އުނދަގޫ އަދި ނުރައްކާތެރިކަންބޮޑު މަސައްކަތްކުރިއަށް ގެންދެވިގޮތް އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓް އިން އެނީސްތީޒިއޮލޮޖީ ޑރ.ޕާޓިލްވަނީ ޕީއެސްއެމްނިއުސްއަށް ވިދާޅުވެދެއްވިއެވެ.
މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަ އެތިކޮޅެއް އެތެރޭގައި ހުރިތޯ ބެލުމަށް ނަގާ އެކްސްރޭއިން ޢާއްމުކޮށް ޕްލާސްޓިކް އަދި ބިއްލޫރި ފަދަ އެތޮކޮޅުތައް ނުދައްކާކަމަށާއި އިތުރަށް ބެލުމަށް ސްކޭންކުރަންޖެހޭކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި ބައެއް ޙާލަތްތަކުގައި ކޭސްގެ ބާވަތުން ޑޮކްޓަރުންނާ މަޝްވަރާކޮށް އޮޕަރޭޝަންތެރޭގައި ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތް ނުވަތަ ހެދޭނެ ގޮތްތަކާ މެދު މަޝްވަރާކުރަނެ ވަގުތު ނެތި ވަގުތުންވެސް ސަރޖަރީއަށް ދާންޖެހޭކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެއެވެ.
މިފަދަ ނުރައްކާވާ ޙަލަތްތައް މެދުވެރިވިޔަނުދިނުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. އަދި ކުޑަކުދިންނަށް ކުޅެން ގަނެދޭ އެއްޗިއްސަކީ އެކުދިންގެ ޢުމުރާގުޅޭފަދަ ތަކެތިކަން ބެއްލެވުމަށާއި ސުޕާރީ ފަދަ ތަކެތި ކުދިންނަށް ނުދިނުމަށްވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.