ޚަބަރު

ލާމަރުކަޒީ ބާބު އިސްލާހުކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތް ފުޅާކުރުމަށް - އަސްލަމް


ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ހުށައަޅާފައިވަނީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތް ފުޅާކޮށް، ރަނގަޅު ކުރުމަށް ކަމުގައި މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ.

ޤާނޫނު އަސާސީގެ 8 ވަނަ ބާބަށް އިސްލާހު ގެނައުމަށް ހުށަހެޅުއް ވިބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މިބިލް ހުށައެޅުއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ޤާނޫނުއަސާސީއަށް މި އިސްލާހު ހުށައަޅާފައިވަނީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހުކަމަށެވެ. ރާއްޖޭގައި މިވަގުތުވެސް 660 ކައުންސިލަރުން ތިއްބަވާއިރު ކައުންސިލްތަކުގެ ދައުރު އޮތްގޮތުން 3 އަހަރުން 3 އަހަރުން ކައުންސިލް އިންތިޙާބް ބޭއްވުމަކީ ދައުލަތަކަށް ބުރަބޮޑު ކަމެއްކަމަށެވެ. އަދި ކައުންސިލްތަކުން ގެންނަން ބޭނުންވާ ތަރައްޤީއާއި ހިންގަން ބޭނުންވާ މަޝްރޫޢުތައް 3 އަހަރުން ހިންގުމަކީ ފަސޭހަކަމަށް ނުވާއިރު ކައުންސިލްތައްވެސް ހަރުދަނާކަމާއިއެކު މަސައްކަތް ކުރުމަށް 5 އަހަރުގެ ދައުރެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

ޤާނޫނު އަސަސީއަށް މިގެނެވޭ ބަދަލާއެކު ކައުންސިލްތަކުގެ މަސައްކަތަށްވެސް ބޮޑެތި ފަސޭހަތަކެއްވެ، ހަމަޖެހިލައިގެން ޙިދުމަތް ދިނުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެކަށް އަސްލަމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް ހުށައެޅިފައިވާ މި އިސްލާހަށް މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ ތާއީދުކުރައްވާފައެވެ. ބަހުސް މަރުހަލާގައި މެމްބަރުން ވަނީ ކޮމިޓީ މަރުހަލާގައި ކުދިކުދި ބަދަލުތައް ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޤާނޫނު އަސާސީއަށް ގެންނަން ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިޞްލާހުގައިވެއެވެ.

އަދި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުކަމުގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަނޑައެޅުމަށްވެސް އިޞްލާޙުގައިވެއެވެ. މިބިލްގެ މަސައްކަތް އަންނަ މަހުގެ 13 ވަނަ ދުވަހު ނިންމުމަށް މަޖިލިސް ރައީސް ވަނީ އަމާޒު ކަނޑައަޅުއްވާފައެވެ.