ޚަބަރު

އިންޓަރ މިއާމީ ފަހަތުން އަރާ ޝިކާގޯ ފަޔަރ ބަލިކޮށްފި


  • މިމެޗު އިންޓަރ މިއާމީ ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުން

އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި އިންޓަރ މައޭމީ އާއި ޝިކާގޯ ފަޔަރ ބައްދަލުކުރި މެޗު ފަހަތުން އަރާ އިންޓަރ މިއާމީ ކާމިޔާބު ކޮށްފިއެވެ.

އިންޓަރ މިއާމީގެ ދަނޑުގައި ކުޅުނު މިމެޗު ވެގެންދިޔައީ ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. މިމެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 18 ވަނަ މިނެޓުގައި އިންޓަރ މައޭމީގެ ކީޕަރ ރޯކޯ ރިއޯސް ނޯވޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މައޭމީގެ ޑިފެންޑަރ ޖައްސާލި ބޯޅަ ކީޕަރގެ ފަޔަށް ރަނގަޅަށް ނާރާ ބޯޅަ ގޯލަށް ވަނީއެވެ. މިމެޗުގައި މައޭމީއިން އެއްވަރު ކުރި ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ލުއިސް ސުވަރޭޒްއެވެ. އަދި މިމެޗުގައި މައޭމީއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައި ސުވަރޭޒް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑުންނެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބު ކުރި 8 ވަނަ ލަނޑެވެ.

ނަމަވެސް އިންޓަރ މައޭމީއަށް މިލީޑު ދެމެހެއްޓޭވަރުވީ 16 މިނެޓް ވަންދެނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޝިކާގޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޕޫސޯ ޑިތެޖާނޭއެވެ. މިނަތީޖާގައި އޮވެގެން މެޗު ނިމެން ދަނިކޮށް މިމެޗުން މައޭމީ މޮޅުވި ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ޕްރެސްޓަން ޕްލެމްބެކްއެވެ.

މައޭމީގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ލިއޮނެލް މެސީ އާއި ރޮޑްރިގޯ ޑި ޕޯލް ނިމިގެންދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމަށް ކުޅެފައިވުމުގެ ސަބަބުން މިދެ ކުޅުންތެރިން ތިބީ އަދި ޗުއްޓީގައެވެ. އަދި މައޭމީއިންވަނީ އެޓީމުގެ މެދުތެެރެ ވަރުގަދަ ކުރުމުގެ ގޮތުން ވަރަށް ފަހުން ބްރެޒިލްގެ ކަސެމީރޯވެސް އެޓީމަށް ސޮއިކޮށްފައެވެ. މިމެޗުގައި ޝިކާގޯ ފަޔަރ އާއި ދާދިފަހުން ގުޅުނު އެފްސީ ބާސެލޯނާގެ ކުރީގެ ތަރި ރޮބަޓް ލެވަންޑޯސްކީ ވަނީ ކުޅެފައެވެ.