ތިމާވެށި

"އަވަރ އޯޝަން ކޮންފަރެންސް"ގައި ބައިވެރިވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ނޯރވޭއަށް ފުރާވަޑައިގެންފި


6 ވަނަ "އަވަރ އޯޝަން ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ނޯރވޭއަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 24 އަށް ނޯރވޭގެ ވެރިރަށް އޯޒްލޯގައެވެ.

"އަވަރ އޯޝަން ކޮންފަރެންސް"އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއަޅައި، ދުނިޔޭގެ ކަނޑުތަކުން ނަފާ ލިބޭނެ ގޮތްތައް ހޯދާ ބެލުމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުފަޅަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށް ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކަނޑުފަޅުގެ ދިރުންތައް ނެތިދިއުމާއި، ދެމެހެއްޓެނިވިގޮތެއްގައި އެތަކެތި އާލާކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މި ކަންކަމަކީ ދުނިޔޭގެ ސަމާލުކަމަށް މިހާރުން މިހާރަށް ގެންނަންޖެހިފައިވާ ކަންތައްތަކެއްކަން ފާހަގަކޮށް، ކަނޑުތައް ރައްކާތެރިކުރުމުގައި އެންމެންގެ ބައިވެރިވުން ހޯދޭނެ ގޮތްތަކާގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސް މެދުވެރިކޮށް އެކި ޤައުމުތަކުގެ ސަރުކާރުތަކާއި، އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، ކަމާބެހޭ ފަންނީ ތަޖުރިބާކާރުން ގުޅުވާލަދީ، ކަނޑުފަޅުގެ ނަފާ އަންނަންއޮތް ޖީލުތަކާއި ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންވާނެ ޢިލްމާއި، ޓެކްނޮލޮޖީގެ އިތުރުން އެކަމަށް ފައިސާ ހޯދުމަކީ އަމާޒެއްކަމަށްވެސް މި ކޮންފަރެންސް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

"އަވަރ އޯޝަން ކޮންފަރެންސް" އެންމެފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އިންޑޮނޭޝިއާގެ ބަރލީގައެވެ.