ޚަބަރު

މަރުވެފައި އޮއްވާ ފެނުނު މީހަކީ ކާކުކަން ދެނެގަތުމަށް އޭ.ޑީ.ކޭއިން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ


އާޓިފިޝަލް ބީޗް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނިގެން އޭޑީކޭ ހޮސްޕިޓަލަށް ގެނައި މީހަކު އެއީ ކާކުކަން ދެނެގަތުމަށް އާއްމުންގެ އެހީތެރިކަމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިގެން އެ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށާ، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭޑީކޭއިން ބުނީ އެމީހާ އާޓިފިޝަލް ބީޗް ސަރަހައްދުން އެ ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެނައިއިރުވެސް މަރުވެފައިވާކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެނައިއިރު ލައިގެން ހުރީ ނޫ ކުލައިގެ ސޯޓެއްކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިކަމާގުޅިގެން ފުލުހުން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފައިއިންކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:26 ހާއިރު ފުލުހުންނަށް ލިބުމާއެކު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީއާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ، އެނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ހުދު ތުނބުޅިއަކާއި މަތިމަހެއް ހުރި، މި މީހާގެ ހަބަރެއްވެފައިނުވާނަމަ ނުވަތަ ވީތަނެއް ނޭންގިގެން އުޅޭނަމަ، އެކަން 3322111 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.