ޚަބަރު

ސީލައިފް ފްލެޓްތަކުގެ މައްސަލަ : އިތުރު 189 ފަރާތަކުން ބަދަލު ހޯދަން ހުށަހަޅައިފި


ސީލައިފް ގްލޯބަލްއަށް ފްލެޓް ގަތުމަށް ފައިސާދެއްކި 189 މީހަކު ބަދަލު ހޯދުމަށް ބަދަލު ހޯދުމަށް ހުށައަޅައިފިއެވެ. މި މީހުންނަކީ މީގެކުރިން ބަދަލު ހޯދުމަށް ހުށައެޅި މީހުންގެ ތެރޭގައި ނުހިމެނޭ ބައެއްކަމަށް އެޗްޑީސީން ބުނެއެވެ.

ސީލައިފް އަށް ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 މީހަކު ވަނީ ބަދަލު ހޯދުމަށް ސިވިލްކޯޓަށް އެ މައްސަލަ ހުށައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އިތުރު ބަޔަކުވާނަމަ ބަދަލު ހޯދުމަށް އެޗްޑީސީން އަލުން ފުރުސަތު ހުޅުވާލީ މިދިޔަމަހުގެ 17ވަނަ ދުވަހުއެވެ. އަދި މި ފުރުސަތުގައި 189 ފަރާތަކުން ބަދަލު ހޯދުމަށް ހުށައަޅާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ބަދަލު ހޯދުމަށް ހުށައަޅާފައިވާ މީހުންގެ ލިޔެކުންތައް އިވެލުއޭޓްކުރުމާއި އެހެނިހެން އިދާރީ މައްސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެ ފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ ދުއިސައްތަ ވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް ބަދަލު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

މަކަރާ ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.