ދީން

ޞަފާ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދާ މީހުން 1 ޖުލައިގައި ފުރަނީ


ރާއްޖެއިން
މިއަހަރު ޢުމްރާއަށް ދާން 500 މީހުންގެ ކޯޓާ ލިބުނު، އަލް ޞަފާ ގްރޫޕްގެ
ޙަވާލުގައި ދާ މީހުން އަންނަ މަހު އެކެއްގައި ޢުމްރާއަށް ދިއުމަށް ފުރަން
ހަމަޖެހިފައިވާ ކަމަށް ޞަފާ ގުރޫޕްއިން ހާމަކޮށްފިއެވެ.



ޕަބްލިކް
ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އަލް ޞަފާ ޕްރައިވެޓް
ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނަސީމް މުޙައްމަދު ވިދާޅުވީ، ޞަފާ
ގުރޫޕްގެ ޙަވާލުގައި 127 މީހުންނާއި ޖަމާއަތު ޒައީ ލި މަނާސިކިލް ޙައްޖު ވަލް
އުމްރާ ޖަމާއަތުގެ ޙަވާލުގައި 133 މީހުން އަންނަ މަހުގެ އެކެއްގައި ޢުމްރާއަށް
ފުރާނެ ކަމަށެވެ.



ނަސީމް
ވިދާޅުވީ، ޢުމްރާއަށް ދާ މީހުންނަށް ވިސާ ލިބިފައިވާ ކަމަށާއި މަނާސިކް އާއި
އަސްކޮއި ޙައްޖު އުމްރާ ގުރޫޕްގެ ޙަވާލުގައި ދާ މީހުން ރޯދަމަހުގެ ސަތާރަ ވަނަ ދުވަހު
އުމްރާއަށް ފުރާނެ ކަމަށެވެ.



ރަމަޟާން
މަހު ރާއްޖެއަށް ޢުމްރާ ކޯޓާ ނުލިބުމާއި ގުޅިގެން، ޞަފާ ގުރޫޕްއިން ކުރި
މަސައްކަތުން ސައުދީގެ ޝަރިކަތުއް ރަޙްމާ ލިލް–އުމްރާ ވައްޒިޔާރާ މެދުވެރިކޮށް
ޢުމްރާއަށް ގެންދިއުމަށް 500 މީހުންގެ ކޯޓާ، ސްރީލަންކާގެ އަމްޖާ ޓްރެވެލްސް އަށް
ވަނީ ލިބިފައެވެ.



ޞަފާ
ކުންފުނިން ވަނީ އެކޯޓާއަށް 4 ޖަމާއަތަކުން މީހުން އުމްރާއަށް ގެންދިއުމަށް
ބަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލް ޞަފާ ޕްރައިވެޓް ލިމިޓެޑްއަށް 127
މީހުން، ޖަމާއަތު ޒައީ ލި މަނާސިކިލް ޙައްޖު ވަލް އުމްރާ އަށް 133 މީހުން، އަލް
މަނާސިކް އަށް 118 މީހުން އަދި އަސްކޮއި ޙައްޖު އެންޑް ޢުމްރާ ގުރޫޕަށް 84މީހުންނެވެ.



ރާއްޖެއިން
މިއަހަރު ޢުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ 10 ކުންފުންޏަކަށް އިސްލާމިކް
މިނިސްޓްރީން ދީފައިވާއިރު، ޢުމްރާ ވިސާ ލިބުމުގެ ދަތިތައް ކުންފުނިތަކަށް ވަނީ
ކުރިމަތިވެފައެވެ. ކުންފުނިތަކުގެ ޙަވާލުގައި 1200 މީހުން ޢުމްރާއަށް ދާން ފައިސާ
ދައްކާފައިވެއެވެ.