މުނިފޫހިފިލުވުން

300 ކްރޯޑް ހޯދާ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަކަށް "ވަރ"


މިމަހުގެ 2ވަނަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވަރ" 300 ކްރޯޑް (42 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދަައިފިއެވެ. ފިލްމު ނެރުނުތާ 19 ދުވަހުގެ ތެރޭގައި 300 ކްރޯޑް ރުޕީސްއާއި އެކު "ވަރ" ވެގެން ގޮސްފައިމިވަނީ މި އަހަރު މިހާތަނަށް ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ކާމިޔާބު ފިލްމުތަކެއް ބޮލީވުޑަށް ނެރެފައިވާ "ޔާޝް ޗޯޕްޅާ"ގެ ކުޑައިގެ ދަށުން އުފެއްދި އެކްޝަން ފިލްމް "ވަރ" ވެގެންގޮސްފައި މިވަނީ މި އަހަރުގެ މިހާތަނަށް އެންމެ ރަގަޅު ފެށުމެއްވެސް ލިބުނު ފިލްމަށެވެ. މިގޮތުން ފިލްމު ރިލީޒުކުރި ދުވަހު އެކަނިވެސް 53 ކްރޯޑް ނުވަތަ 8 މިލިއަަނަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. އަދި ތިން ދުވަހުގެ ތެރޭ 100 ކްރޯޑް އަދި ހަފްތާއެއްގެ ތެރޭގައި 200 ކްރޯޑް ރުޕީސްވަނީ ހޯދާފައެވެ.

170 ކްރޯޑްގެ ބަޖެޓަކުން އުފެއްދި އެކްޝަން ފިލްމް "ވަރ" ޑައިރެކްޓުކޮށްފައިވަނީ 2014 ވަނަ އަހަރު ނުކުތް ފިލްމް "ބޭންގް ބޭންގް"ގެ ޑައިރެކްޓަރ ސިދާތު އާނަންދެވެ. މި ފިލްމްގެ ޝޫޓިން ފެށުމާއި އެކު މިއީ މި އަހަރު ބޮލީވުޑް ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވެގެންދާނެކަމަށް އޮތީ ބެލެވިފައެވެ. ރިތިކާއި ޓައިގާ ގެ އިތުރުން ވާނީ ކަޕޫރާއި، އަޝޫތޯޝް ރާނާއި، ދަލިޕް ތާހިލްވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

300 ކްރޯޑް ހެދި ފިލްމަތަކަށް ބަލާލާއިރު 2014 ވަނަ އަހަރު އާމިރުހާންގެ "ޕީކޭ" 2015 ވަނަ އަހަރު ސަލްމާން ހާންގެ "ބަޖްރަންގީ ބައިޖާން" ހިމެނެއެވެ. 2016 ވަނަ އަހަރު 300 ކްރޯޑް ރުޕީސް ހޯދާފައިވަނީ ދެ ހާން އެވެ. އެއީ "ޑަންގަލް" އިން އާމިރު ހާނާއި "ސުލްތާން" އިން ސަލްމާން ހާނެވެ. އަދި ޖެހިގެން އައި 2017 ވަނަ އަހަރު ނުކުތް ސަލްމާންގެ "ޓައިގަރ ޒިންދީ ހޭ" ވެސް ވަނީ 300 ކްރޯޑް ހޯދާފައެވެ. 2018 ވަނަ އަހަރު މި އަދަދަށް ފައިސާ ހޯދީ ރަންވީރު ސިންހާއި ދީޕިކާ އަދި ޝާހިދު ކަޕޫރު ފެނިގެންދިޔަ "ޕަދްމާވަތީ" އާއި ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ރަންބީރު ލީޑުން ފެނިގެންދިޔަ "ސަންޖޫ" އެވެ.

"ވަރ" އަށް ލިބެމުންދާ ކާމިޔާބީ އާއި ގުޅިގެން އެ ފިލްމުގެ ސީކުއެލް އެއް ގެނެސްދޭނެކަން ފިލްމްގެ ޑައިރެކްޓަރ މިހާރުވެސް ވަނީ ބުނެފައެވެ.