ވިޔަފާރި

ބީއެމްއެލްގެ ހިންގުމުގެ ފައިދާ 1.2 ބިލިއަނަށް


ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބޭންކުގެ ތިންވަނަ ކުއަރޓަރުގެ މާލީ ހިސާބުތައް ހާމަކުރުމަށްޓަކައި ބީއެމްއެލްއިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ބޭންކުގެ ސީއީއޯ ޓިމޮތީ ސޯޔަރ ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއަރޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 414 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ ދެވަނަ ކުއަރޓަރާއި އަޅާބަލާއިރު %5 އިތުރު އަދަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ މި ޢަދަދާއެކު މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާ 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. އަދި މިއީ ކުރީ އަހަރާއި އަޅާބަލާއިރު 4 އިންސައްތަ އިތުރު ޢަދަދެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިއީއޯ ޓިމް ވިދާޅުވީ ބޭންކަށް ލިބުނު ފައިދާ ބޮޑުވެފައިވަނީ ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ޤާނޫނު ލާޒިމްކުރާ މިންވަރަށް ހިފެހެއްޓިފައިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ހާމަކުރި ބޭންކް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަށްވަނީ ލިބިފައެވެ.

ތިންވަނަ ކުއާޓަރގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ.

ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރޓަރސް އެއްވެސް ބޭންކުން ހުޅުވީ މި ކުއާޓަރުގައެވެ. އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.