މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދީ ދުވެލި ކުރިއަރާ މިންވަރު ވަރަށް ބޮޑަށް ދަށަށް ހިންގައްްޖެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިމުނު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދީ ދުވެލި ހުރީ 6 އިންސައްތައިގައެވެ. މިއީ 1992 ވަނަ އަހަރަށްފަހު ކުއާޓަރެއްގައި ޗައިނާގެ އިޤްތިޞާދީ ދުވެލި މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިއީ އޭޕްރީލްމަހުން ޖޫންމަހުގެ ނިޔަލަށް ކުރިއަށްދިޔަ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި ހުރި 6.2 އިންސައްތައަށްވުރެވެސް ދަށް މިންވަރެކެވެ.
2 ވަނަ ކުއާޓަރުގައިި ޗައިނާގެ އިޤްތިޞާދީ ދުވެލި 6 އިންސައްތައިގައި ހުރިއިރު، ތަޖުރިބާކާރުން އުއްމީދުކޮށްގެން ތިބީ މިއަދަދު 6.1 އިންސައްތައިގައި ހުންނާނެކަމަށެވެ. އިޤްތިޞާދީ މާހިރުން ބުނާގޮތުން ޗައިނާގެ އިޤްތިޞާދީ ދުވެލި ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައެވެ.
ޗައިނާގެ އިޤްތިޞާދީ ދުވެލި ދަށަށް ގޮސްފައިވާއިރު، އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައުމުގެ ފުރުޞަތު ބޮޑުކަމަށް މިދިޔަ ހަފްތާގައި ދެ ޤައުމުންވެސް ވަނީ ބުނެފައެވެ. މިއާއެކު އިންވެސްޓަރުންނަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ލިބުނު ނަމަވެސް، ޗައިނާއާ ދެކޮޅަށް އެެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއަށް އަދިވެސް ގެއްލުންވަމުންދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިތުރު ފިޔަވަޅުތައް އެޅުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ދެ ޤައުމުގެ މެދުގައި ހަރުދަނާ އެއްބަސްވުމަކާ ހަމައަށް އައުމަކީ އަދިވެސް ވަރަށް ދުރުގައި އޮތްކަމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.