ވިޔަފާރި

އަމިއްލަ ވިޔަފާރިތަކަށް ސީއެމްޑީއޭއިން "ޕްރައިވެޓް ޕްލޭސްމަންޓް މާކެޓެއް" ތަޢާރަފްކުރަނީ


އަމިއްލަ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން "ޕްރައިވެޓް ޕްލޭސްމަންޓް މާކެޓެއް" ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

ޕްރައިވެޓް ޕްލޭސްމަންޓް މާކެޓަކީ އަމިއްލަ ވިޔަފާރިކުރާ ކުންފުނިތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާ ޕްލެޓްފޯމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސީއެމްޑީއޭގެ އެކްޓިންގ ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެއޮތޯރިޓީން މިހާރު މަސައްކަތްކުރަމުންދަނީ ކުރިއަށް އޮތް ފަސް އަހަރު ކެޕިޓަލް މާކެޓް ދާއިރާ ކުރިއެރުވުމަށް ގެނެވޭނެ ބަދަލުތަކަކާއި ގުޅިގެން އެކި ޕްލޭންތައް ހެދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކަށް ވިޔަފާރިކުރުމުގައި ފަހި ފުރުސަތުތައް އުފެއްދުމަށްޓަކައި ސީއެމްޑީއޭއިން ޕްރައިވެޓް ޕްލޭސްމަންޓް ޕްލެޓްފޯމެއް އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ މި މަސައްކަތުގެ އެންމެ ފަހު މަރުޙަލާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު ބޮޑަށް މަސައްކަތްކުރީ މާކެޓަށް ޕްރައިވެޓް ޕްލޭސްމެންޓް ފްރޭމްވޯކެއް ގެނެވޭތޯ. މިހާރު މި މާކެޓްގެ ރެގިއުލޭޓަރީ އޮނިގަނޑު ގެޒެޓްކޮށް މި މާކެޓް އެސްޓޭބްލިޝްކުރެވިފައި މިވަނީ. ދެން މި މާކެޓަށް އެކްޓިވިޓީ ގެންނަން އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނީ." ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

ސީއެމްޑީއޭއަކީ މާލީ ސެކިއުރިޓީއާއި ބެހޭ ޤާނޫނުގެ ދަށުން ކެޕިޓަލް މާކެޓް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. ސީއެމްޑީއޭގެ މެންޑޭޓުގެ ދަށުން މިދާއިރާ ކުރިއެރުވުމަށް ތަފާތު ވޯކްޝޮޕްތަކާއި ފޯރަމްތައް އެ އޮތޯރިޓީން ބާއްވަމުން އަންނައިރު މިމަހުގެ 31 ވަނަ ދުވަހު ކެޕިޓަލް މާކެޓް ފޯރަމްއެއް ބޭއްވުމަށް ވެސް އެއޮތޯރިޓީން ދަނީ ތައްޔާރުވަމުންނެވެ.

މި ފޯރަމަކީ ކެޕިޓަލް މާކެޓްގެ ހުރިހާ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ ކެޕިޓަލް މާކެޓް ތަރައްޤީކޮށް ކުރިއެރުވޭނެ ގޮތްތައް ހޯދުމަށްޓަކައި ބާއްވާ ފޯރަމެއްކަމަށް ސީއެމްޑީއޭއިން ބުނެއެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮންކޮނގް ސްޓޯކް އެކްސްޗޭންޖްގެ ކުރީގެ ސީއީއޯ އެންޖެލީނާ ކުއާން އާއި ކެޕިޓަލް މާކެޓްގެ ސްޓޭކް ހޯލްޑަރުންނާއި މާލީދާއިރާގައި ހަރަކާތްތެރިވާ އިސްބޭފުޅުން މި ފޯރަމްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ސީއެމްޑީއޭއިން ބުނީ މި ފޯރަމންގެ ތެރެއިން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި އާންމު ފަރުދުންނަށް އާމްދަނީގެ އިތުރު ކުރުމަށް ފުރުސަތުތައް ހޯދައިދެވޭނެކަމަށެވެ.