ސިއްހަތު

ލެބޯޓްރީ ޓެސްޓް ހެދޭނެ އިންތިޒާމް އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ހަމަޖެހޭނެ - މިނިސްޓަރ އަމީން


ލެބޯޓްރީ ސާމްޕަލް ނެގޭނެ އިންތިޒާމް ލ.އަތޮޅުގެ ހުރިހާ ރަށެއްގައި ހަމަޖައްސައިފިއެވެ.

"މޯބައިން ލެބޯޓްރީ ސަރވިސް"ގެ ޚިދުމަށް ލ.އަތޮޅުގައި ތަޢާރަފް ކުރުމާއެކު އެ އަތޮޅުގައި ލެބޯޓްރީ ނެތް ހުރިހާ ރަށަކުންވެސް ސާމްޕަލް ނަގައި، ލެބޯޓްރީ ޚިދުމަތްދޭ ރަށްތަކަށް ގެންގޮސް ޓެސްޓް ހެދޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ.

"މޯބައިލް ލެބޯޓްރީ ސަރވިސް"އަކީ ސަރުކާރުގެ ސިއްޙީ ވަަަޢުދުތެރޭގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޚިދުމަތެކެވެ. މި ޕްރޮގްރާމްގެދަށުން ލެބޯޓްރީގެ ޚިދުމަތް އެންމެ ފުރަތަމަ ގުޅާލާފައި މިވަނީ ލ.އަތޮޅުގެ ރަށްތަކުގައެވެ. "މޯބައިލް ލެބޯޓްރީ ޚިދުމަތް" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޙެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވަހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުއްﷲ އަމީން ވިދާޅުވިީ ރާއްޖޭގެ ދުއިސައްތައެއްހާ ރަށުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ދެވެނީ 90 ރަށުގައިކަމަށެވެ. މި ޚިދުމަތަކީ އަސާސި ޚިދުމަތެއްގެ ގޮތުން ލިބެންޖެހޭ ޚިދުމަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ޚިދުމަތް ރަށްރަށުން ހޯދުމުގައި ބޮޑެތި ދަތިތައ ހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގައިންގަޔަށް ނާރަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ މިންވަރު މިހާރު ހުރީ %84 ގައި ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ބަލިތަކުގެ އަލާމަތްތައް ކުރިއާލާ ދެނެގަނެވި ބަލި މަދުކުރުމަށް ބާރަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޚިދުމަތާއެކު ދުވަހުުން ދުވަހަށް ނަތީޖާ ލިބޭނެ. 1 އަހަރުތެރޭ ހުރިހާ ރަށެއްގައި ފަށާނަން. ރާއްޖެެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ހެދޭނެ އިންތިޒާމްވެސް ކުރިއަށް އޮތްތާންގަ ހަމަޖައްސާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ލ.އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ލިބޭ ރަށްތަކަކީ ގަން، ހިތަދޫ އަދި މާބައިދޫއެވެ. މި ރަށްތަކުން ޚިދުމަތް ހޯދަން އަތޮޅުގެ އެހެން ރަށްތަކުން އަންނަނީ ކަނޑު ހުރަސްކޮށް އާއްމުންގެ އަތުން ބޮޑެތި ޚަރަދުތައްކޮށްގެންނެވެ.

ޚިދުމަށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ލެބޯޓްރީ ނެތް ރަށްތަކުން މީހުންގެ ސާމްޕަލް ނަގައި، ލެބޯޓްރީއާއި ހަމައަށް ގެންގޮސްދޭނެ ފަރާތްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ލ.މުންޑޫއާއި ދަނބިދޫން ޓެސްޓް ހެދުމަށްޓަކައި ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ.މާބައިދޫ ސިއްޙީ މަރިކަޒުގައި ހުންނަ ލޭބޯޓްރީއަށެވެ. އަދި ލ.ކުނަހަންދުއާއި މާމެންދުއިން ސާމްޕަލް ނަގައި ޓެސްޓް ހެދުމަށް ގެންދާނީ ލ.ހިތަދޫ ހޮސްޕިޓަލަށެވެ.

ލ.އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ލެބޯޓްރީއިން ދުވަލަކު ސަތޭކަ ފަންސާހެއްހާ މީހުން ޚިދުމަތް ހޯދައެވެ. އަދި އެހެން ރަށްތަކުން އެވަރެޖްކޮށް ދުވާލަކު 12 މީހުން ލެބޯޓްރީގެ ޚިދުމަތް ހޯދައެވެ.

މި ރަސްމިއްޔާތުގައިވަނީ، މޯބައިލް ލެބޮޓްރީ ސަރވިސް ފެށުމުގެ ގޮތުން މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ސާމްޕަލް ނަގާފައެވެ. ސަންޕަލް އެއްރަށުން އަނެއް ރަށަށް ގެންދަނީ ކަނޑައެޅޭ ޚާއްސަ ޝަރުތުތަކެއް ހުންނަ ފޮށްޓެއްގައެވެ. މި ޚިދުމަތުގެދަށުން ލެޔާއި ޔޫރިން ޓެސްޓްތައް ހެދޭނެއެވެ. ޓެސްޓްގެ ނަތީޖާ ރިޕޯޓް 1 ދުވަހުގެ ތެރޭގައި އަމިއްލަ ރަށުގެ ސިއްޙީ މަރުކަޒަށް މެއިލްއެއްގެ ޒަރިއްޔާއިން ލިބޭނެއެވެ.