ޚަބަރު

މުޒާހަރާތަކާ ގުޅިގެން ލުބުނާނުގެ ސަރުކާރު އިސްތިޢުފާދޭން ތާޢީދެއްނުކުރަން: ނަސްރުﷲ


ލުބުނާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ސަރުކާރު އިސްތިޢުފާދިނުމަށް ހިޒްބުﷲއިން ތާޢީދުނުކުރާކަމަށް އެ ޖަމާޢަތުގެ ވެރިޔާ އައްޝައިޚް ޙަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ. ނަސްރުﷲ މިކަން ހާމަކުރެއްވީ ލުބުނާނުގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާދެކޮޅަށް ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ދެއްވި ފުރަތަމަ ޚިތާބުގައެވެ.

ލުބުނާނުގެ ސަރުކާރުގައި އަދި މަޖިލީހުގައިވެސް ހިމެނޭ ހިޒްބުﷲގެ ވެރިޔާ ނަސްރުﷲ ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން ސުލްޙަވެރިކަމާއެކު މުޒާހަރާކުރުމަށް ހިޒްބުﷲއިން ތާޢީދުކުރާކަމަށެވެ. އަދި ރައްޔިތުންގެ ދަތިތައް ފިލުވައިދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ނަސްރުﷲ ވިދާޅުވިއެވެ. ލުބުނާނުގެ ސަރުކާރަށް އިޤްތިޞާދީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ބަޔާންކުރައްވަމުން ނަސްރުﷲ ވިދާޅުވީ އެ ދަތިތައް ފިލުވަންޖެހޭނީ ރައްޔިތުން އަތުން އިތުރު ޓެކްސްނަގައި ރައްޔިތުންނަށް ދަތިކޮށްގެން ނޫންކަމަށެވެ.

ހިޒްބުﷲއަކީ ބޮޑުވަޒީރު ސަޢްދުލްހަރީރީގެ ސަރުކާރުގައި ހިމެނޭ ޕާޓީއެއްކަމަށްވާއިރު ލުބުނާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކޮށް މެދުފަންތީގެ މީހުންނާއި ފަޤީރުންގެ ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް އޮތީ ކުރު މުއްދަތެއްކަމަށް ނަސްރުﷲ ވިދާޅުވިއެވެ. ނަސްރުﷲ ވަނީ ސަރުކާރުގައި ހިމެނޭ ވާދަވެރި ހުރިހާ ޕާޓީތަކެއްވެސް އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރަށް އެއްބާރުލުންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ލުބުނާނުގައި މުޒާހަރާތައް ފެށުނީ ވަޓްސްއަޕް ކޯލުތަކުން ޓެކްސްނަގާނެކަން ސަރުކާރުން އިޢުލާނުކުރުމާގުޅިގެންނެވެ. ނަމަވެސް، ފަހުން އެ މުޒާހަރާތައްވަނީ ސަރުކާރުން ވައްޓާލުމަށް ގޮވާލާ މުޒާހަރާތަކަކަށް ބަދަލުވެގެންގޮސްފައެވެ.