ޚަބަރު

ސްޕޯޓްސް ކައުންސެލަރުން ޒިންމާދާރުކުރުވާނަން: ޢަބްދުﷲ


  • "ހަށިހެޔޮ ރާއްޖެ ރީޖަން 2" ކުރިއަށްގެންދިޔައީ ބ. އޭދަފުށީގައި

  • އެހަރާކާތުގެ ދަށުން ނ. ރ. ބ. އަދި ޅ. އަތޮޅުން ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރެވުނު

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ އާބާދީއަކަށްހެދުމުގެ އަމާޒުގައި ކުޅިވަރު ވުޒާރާގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް" ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ "ހަށިހެޔޮރާއްޖެ" ޕްރޮގްރާމުގެ ދަށުން ތަމްރީނުކުރެވޭ ސްޕޯޓްސް ކައުންސެލަރުން ޒިންމާދާރުކުރުވާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި ހަރަކާތުގެ ފަހުގެ މައުލޫމާތުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ދަށުން ބ. އޭދަފުށީގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން 4 އަތޮޅެއްގެ ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރެވިފައިވާކަމަށެވެ. އެފަރާތްތަކުގެ ޒިންމާއަކީ އެބަޔަކު ނިސްބަތްވާ ރަށެއްގައި މި ހަރަކާތް ހިންގުންކަމަށްވާއިރު، ސްޕޯޓްސް ކައުންސެލަރުން ޒިންމާކުރުވުމުގައި ކުޅިވަރު ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެކަމަށް ޢަބްދުﷲ މައުލޫމާތުދެއްވިއެވެ.

"އެންމެފަހުން މިދިޔަމަހު ކުރިއަށްދިޔަ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ ދަށުން، ބ. އޭދަފުށީގައި ކުރިއަށްގެންދިޔަ ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރުމާ ބ.އޭދަފުށީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ތައާރަފްކުރުމުގެ ހަރަކާތް. އެ ޕްރޮގްރާމުގެ ދަށުން އަޅުގަނޑުމެން ނ. ރ. ބ. އަދި ޅ. ގައި ހިމެނޭ ސްޕޯޓްސް ކައުންސެލަރުން ތަމްރިނުކޮށްފައި މިހާރު ރަށްރަށަށް މި ފޮނުވީ" ޢަބްދުﷲ ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމުގެ އަމަލީ މަސައްކަތް މިހާތަނަށް 5 ރަށެއްގައި ރަސްމީކޮށްވަނީ ފަށާފައެވެ. އަދި އިތުރު 10 ރަށެއްގައި މި ހަރަކާތް ފެށުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުޅިވަރު ވުޒާރާގެ ފަރާތުން ސްޕޯޓްސް ކައުންސެލަރުންނަށް ކޮންމެ ދުވަހަކު ގުޅާ މައުލޫމާތު ސާފުކުރަމުންގެންދާކަމަށް ޢަބްދުﷲ ހާމަކުރެއްވިއެވެ. މިހާތަނަށް ސްޕޯޓްސް ކައުންސެލަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ބޮޑުކަށް ފާހަގަކުރައްވާ ޢަބްދުﷲ ވިދާޅުވީ އެފަރާތްތަކުން ވަރަށް ފޯރިއާއެކު މިމަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"މިހާރު ގާތްގަނޑަކަށް 10 ރަށުން ޕްރޮގްރާމު ފެށުމުގެ މަސައްކަތްކުރިއަށް އެބަދޭ. 5 ރަށުގައި އަމަލީ ގޮތުން ފަށައިފި. އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންގެ ސްޓާފުން ކޮންމެ ދުވަހަކުވެސް އެ ކައުންސެލަރުންނަށް ގުޅައިގެން މައުލޫމާތުތައް ހޯދަމުން. އެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ވަރަށް އެކްޓިވްކޮށް މަސައްކަތްތައްކުރަމުން އެބަގެންދޭ" ޢަބްދުﷲ ވިދާޅުވިއެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ކުރިއަށްގެންދާނީ ހަފްތާއަކު ތިން ދުވަހު ކޮންމެ ދުވަހަކު 45 ވަރަކަށް މިނިޓްގެ ކަސްރަތު ހިމެނޭހެން ރަށުގެ ކުދިބޮޑު އެންމެނަށް އަމާޒުކޮށްގެންނެވެ. "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރާއި ކަސްރަތު ޕްރޮގްރާމްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުރިއަށް ގެންދިއުންކަމަށްވާއިރު، މި ޕްރޮގްރާމުގެ ދަށުން އާންމުންނަށް ކަސްތަރުކުރާނެ ރަނގަޅުގޮތްތައް ބުނެދިނުމާއި ކެއުމުގައި މިންހެޔޮ ރަނގަޅު ކާނާ ބޭނުންކުރުމަށް އަހުލުވެރިކުރުން ހިމެނެއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރަމުންދާ ގައުމީ މިމަސައްކަތުގައި ކޮންމެ ރަށަކަށްވެސް އެރަށަކާ ގުޅޭގޮތަކަށް ކަސްރަތުގެ ހަރަކާތްތައް ބައްޓަންކުރުމުގެ ފުރުސަތު ސްޕޯޓްސް ކައުންސެލަރުންނަށް ވަނީ ހުޅުވާލާފައެވެ.