ޚަބަރު

އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރަނީ


  • އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް ޝަކީލް އައްުޔަން ކުރެއްވީ މި މަހުގެ 24ވަނަ ދުވަހު

  • ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައި

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުންނާއި ކޮމިޝަނުގެ މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ. ޤާނޫނުގައިވާގޮތުން އެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްުޔަން ކުރެއްވީ މި މަހުގެ 24ވަނަ ދުވަހުއެވެ. މިއާއެކު ކޮމިޝަނުގައި 5 މެންބަރުން ހަމަވީއެވެ. އެހެންވެ، އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. އެ ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ޝަކީލަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ތަޅުމުގައި ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްވުމުންނެވެ.

ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ. އޭނާ އެންމެފަހުން ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.

އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި ޢަބްދުލްޙަސީބް އިސްމާޢީލާއާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި މުޙައްމަދު
ޝަކީލެވެ.