 
					
									
			އެސްޓީއޯއިން ކޮންޓްރޯލެއްނެތި މިއަދު ފިޔާ ވިއްކާނެކަމަށް އެކުންފުނިން ބުނެފިއެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯގެ ގުދަނުންނާއި ފިހަރާތަކުން ކޮންޓްރޯލެއްނެތި 30 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަމުންދާނެކަމަށެވެ. 
މިއީ އެސްޓީއޯއިން މިދިޔަ ހުކުރު ދުވަހު ގެނައި ފިޔާ ޝިޕްމަންޓެވެ. މީގެ ކުރިން އެސްޓީއޯއިން ފިޔާ ވިއްކަމުން ދިޔައީ ކޮންމެ ކަސްޓަމަރަކަށް 1 ކިލޯގެ މަގުން 30 ރުފިޔާއަށް ކިލޯއެކެވެ. 
ރާއްޖޭގެ ބާޒާރުގައި ފިޔާ ތަދުވެ ފިޔާގެ އަގު އުފުލިގެން ދިޔައީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިއީ އިންޑިއާއަށް ކުރިމަތިވި ވިއްސާރައެއްގެ ސަބަބުން އެޤައުމުގެ ދަނޑުތައް ހަލާކުވެ އިންޑިޔާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމާއެކު ރާއްޖެއަށް ކުރިމަތިވި މައްސަލައެކެވެ. 
އެހެންނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނާންނާނެކަމަށް ބުނެފައެވެ. އެގޮތުން މިހާރު މި މައްސަލައަށް ހައްލު ލިބި ފިޔާގެ އަގު މަޑުމަޑުން ދަނީ ދަށްވަމުންނެވެ.