ވިޔަފާރި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަނީ


ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފޯރަމް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައިކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނެއެވެ.
މިފޯރަމް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މިފޯރަމްއަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައްދަލުވުންކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

މިފޯރަމްގައި ދާއިރާއާއި ގުޅުންހުރި ދަޢުލަތުގެ މުއައްސަސާތަކުގެ އެންމެ އިސްވެރިން ބަރިވެރިވާއިރު، ކެޕިޓަލް މާރކެޓްގައި ޝާމިލްވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް މި ބައްދަލުވުމުގައި ކުރިއަށްދާނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ސީއެމްޑީއޭއިން ބުނީ މިފޯރަމް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ކެޕިޓަލް މާރކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ދެނެގަތުންކަމަށެވެ. މި ގޮތުން މި ނިޒާމު ކުރިއަރުވާއިރު، މި ނިޒާމަކީ ދިވެހި ޤައުމަށް އިޖްތިމާއި އަދާލަތު ގެނުވައިދޭނެ ނިޒާމެއްގެ ގޮތުގައި ރޭވުމަކީ ފޯރަމްގެ މަޤްޞަދެއްކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

ކެޕިޓަލް މާރކެޓަކީ ދިވެހިރާއްޖޭގެ އިޤްތިސާދުގެ ހަކަތަ އިތުރުކުރުމަށް އޮތް އެންމެ މުހިއްމު އެއް ނާރެސް ކަމަށްވާއިރު ވޭތުވެދިޔަ އަހަރުތަކުގައި، މި ދައިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވެއެވެ. ނަމަވެސް، ދިވެހި އެންމެހާ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށާއި ދައުލަތާއި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުން އިތުރު ކުރުމަށް މި ނިޒާމަށް އިތުރު އިސްތިރާޖީ ރެވުންތަކެއް ބޭނުންވާކަމަށް ސީއެމްޑީއޭއިން ބުނެއެވެ.