ޚަބަރު

ކުޅުދުއްފުށީ އެއާރޕޯޓުގައި ނުނެގިހުރި ދެގެ ތަޅާލައި ފެންސް ޖަހަން ފަށައިފި


ކުޅުދުއްފުށީ އެއާޕޯޓްގެ އިމުގެ ތެރެއަށް ވަދެފައިވާ ދެ ގެ ތަޅާލައި ފެންސު ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

އެދެގެ މިހާތަނަށް ނުނެގި ހުރީ ޝަރުއީ މަރުޙަލާތައް ފުރިހަމަ ނުކުރެވި ދިގުލައި ދިއުމުގެ ސަބަބުންނެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ އިމުގެ ތެރެއަށް މުޅިއެކު 18 ގޯތި ވަދެގެންދިޔައެވެ. މީގެ ތެރެއިން ދެގޯއްޗެއް ފިޔަވައި އެހެން ގޯތިތައް ވަނީ އެއަރޕޯޓް ބޭނުން ކުރަން ފެށުމުގެ ކުރިން ބަދަލު ދީ ޝަރުޢީ މަރުޙަލާ ފުރިހަމަ ކޮށްފައެވެ. ނަމަވެސް މައްސަލަ ޖެހުނު ދެގޭގެ ވެރިންވެސް ލިބުނު ބަދަލާމެދު ހިތް ހަމަ ނުޖެހުމުން އެމައްސަލަ ކޯޓް މެދުވެރިކޮށް އަލުން މުރާޖަޢާ ކުރަންޖެހުނެވެ.

މި ދެ ގެ މިމަހު 17 ވަނަ ދުވަހުން ފެށިގެން ތާޅާލުމުގެ މައްސައްކަތް އެމްޓީސީސީން ކުރަމުންދާއިރު ޝަރުޢީ މަރުޙަލާ ފުރިހަމަ ކޮށް ދެގެއަށް ވެސް ވަނީ ބަދަލުދީ ނިންމާފައި ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ތަޅާލަމުން މިދަނީ އެރަށު ޑޭޒީވިލާ އާއި ކުލަވަރުގެއެވެ.

ޕީ އެސް އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކެޓް އޮފިޝަލް ވިދާޅުވީ އެއަރޕޯޓްގެ ފެންސް ޖެހުމުގެ މަސައްކަތް ނިންމާލެވިފައި ނުވަނީ މިދެގޭގެ މައްސަލަ ނިމިފައި ނުވުމުން ކަމަށެވެ.