ކުޅިވަރު

ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން 2 ވަނަ ފަހަރަށް ތިމަރަފުށި ހޯދައިފި


ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން 2 ވަނަ ފަހަރަށް ތ.ތިމަރަފުށި ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތ.ތިމަރަފުށި ހޯދީ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބ.އޭދަފުށީގެ މައްޗަށް 2-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބ.އޭދަފުށި ޓީމުންނެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ، އުނައިޝް ޒުބައިރުއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ތިމަރަފުށި ޓީމުގެ އިސްމާއިލް މުނީޒު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތިޖާ ތިމަރަފުއްޓަށް ހަމަހަމަކޮށްދީފައެވެ. ތިމަރަފުށިން މެޗުގެ ނަތީޖާ އެއްވަރުކުރި ފަހުން އަނެއްކާވެސް އޭދަފުށި ޓީމުގެ އަޙުމަދު އަޝްރަފް ޔޫސުފް ވަނީ ލަނޑެއް ޖަހާ އޭދަފުއްޓަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މި ލަނޑު ޖެހިތާ އިރުކޮޅެއްތެރޭ ތިމަރަފުށީގެ އިސްމާއިލް މުނީޒު ވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ ތިމަރަފުއްޓަށް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ތިމަރަފުއްޓަށް ލީޑު ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ސިނާހްއެވެ. ތިމަރަފުށިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިސްމާއިލް މުނީޒްއެވެ.

މުބާރާތުގެ ސަޕޯޓިން ޓީމާއި ފެއަރ ޕްލޭ ޓީމުގެ މަޤާމް ހޯދީ ށ.ގޮއިދޫއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ހޯދީ ބ.އޭދަފުށި ޓީމުގެ ކޯޗު މުހައްމަދު ޝައްފާޒްއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ، ތ.ތިމަރަފުށި ޓީމުގެ ޢަލީ ޝިފާއު، އިބްރާހިމް އަސްވަދު، ލ.ގަން ޓީމުގެ ހުސައިން ޝަރީފް، ބ.އޭދަފުށި ޓީމުގެ އަޙުމަދު އަޝްރަފް ޔޫސުފް އަދި ށ.ގޮއިދޫ ޓީމުގެ ޢަލީ އިބްރާހިމްއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ތިން ކުޅުންތެރިއަކު ވަނީ ހޯދާފައެވެ. އެގޮތުން މުބާރާތުގައި 12 ލަނޑު ޖަހައިގެން މި މަޤާމު ހޯދި ތިން ކުޅުންތެރިންނަކީ، ރ.އިނގުރައިދޫ ޓީމުގެ ޢަލީ ހާފިޒް، ށ.ގޮއިދޫ ޓީމުގެ ޢަލީ އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ތ.ތިމަރަފުށި ޓީމުގެ އިބްރާހިމް އަސްވަދުއެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވިއިރު، ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ދިންއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ދީފައެވެ. މިއީ މި މުބާރާތް ބޭއްވި ފަސްވަނަ އަހަރެއެވެ.