ޚަބަރު

ދިވެހިންގެ ތެރޭގައި ރުޅިވެރިކަން އުފައްދައި ބައިބައިވުމަށް ޖާގަ ދީގެން ނުވާނެ - ނާއިބު ރައީސް


އެއްވެސް ޙާލެއްގައި ދިވެހިންގެތެރޭގައި ރުޅިވެރިކަން އުފެދި ބައިބައިވުމަށާއި އެކުވެރިކަން ނެތިގެންދާފަދަ ކަމެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ގޮވާލައްވައިފިއެވެ. ނާއިބު ރައީސް މިކަމަށް ގޮވާލެއްވީ އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއުމުކުރުމަށްކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުން ގެއްލިދާފަފަ މާޙައުލެއް އެއްވެސް ފަރާތަކުން ނުއުފެއްދުމަށް ނާއިބުރައީސް އިލްތިމާސްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ ދިވެހިންގެ ނަސީބުކަމަށާއި އިސްލާމްދީން ޙިމާޔަތްކޮށް ދީނަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު ވާޖިބެއްކަމަށެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ މުނާސަބާއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އަމީނިއްޔާ ސްކޫލަކީ މުޅި ރާއްޖެއަށް މުހިއްމު މެސެޖެއް ފާއިތުވި އަހަރުތަކުގައި ގެނެސްދީފައިވާ ސްކޫލެއް ކަމަށެވެ. ޤައުމުގެ ކަންކަން ނިންމާ ސަފުގައި އަމީނިއްޔާ ސްކޫލަށް ނިސްބަތްވާ ގިނަ އިސް ދަރިވަރުންތަކެއް ތިބިކަން ނާއިބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަމީނިއްޔާ ސްކޫލުގެ ފަރާތުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ ޕެރޭޑުގައި އެ ސްކޫލްގެ 1500 އެއްހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ. އަމީނިއްޔާ ސްކޫލްގެ ތާރީޚު ދައްކުވައިދޭ ފަދަ އައިޓަމްތަކާއެކު ކުރިއަށްގެންދިޔަ މިޕެރޭޑުގައި އެސްކޫލްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުންވަނީ ބައިވެރިވެފައެވެ.