ދީން

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި


މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދު އިއްޒުއްދީން އަދުނާން ވިދާޅުވީ މިއަދުން ފެށިގެން ރަމަޟާން މަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެއާއި، ކައުންސިލް އިދާރާތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއްޖެހުމާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއާ، އިސްލާމިކް ބޭންކާ، އެލައިޑް އިންޝުއަރެންސާ ދިރާގާއި އުރީދޫ މެދުވެރިކޮށްވެސް މިއަހަރުގެ ފިތުރުޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.އިސްލާމީ މަރުކަޒުގައި ދިހަ ކައުންޓަރަކުން ޒަކާތް ބަލައިގަންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލޭގައި ދައްކަންޖެހެނީ  އާދައިގެ ހަނޑުލުންނަމަ މީހަކަށް ބާރަ ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ފަންސާސް ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ މީހަކަށް ހަތްދިހަ ފަސް ރުފިޔާއެވެ. އަދި ރަށްރަށުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ އެރަށަކުން ގަންނަން ލިބޭ އަގަކުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.މީގެ އިތުރަށް މިއަހަރު ފަޤީރުންގެ ނަން ނޯޓުކުރުން ރަމަޟާން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ވިހި ވަނަ ދުވަހާއި ހަމައަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.ފިތުރު ޒަކާތްދިނުމުގައި ފަގީރުންގެ ގޮތުގައި ބަލާނީ ދެހާސް ރުފިޔާއަށްވުރެ މަދު އާމްދަނީއެއް ލިބޭ ފަރާތްތައްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.