ޚަބަރު

އެކި ރަށްރަށުން އައި ބިދޭސީންނާއި މާލޭގައި ތިބި އެތައް ހާސް ބިދޭސީންނެއް މިއަދުވެސް ގަލޮޅު ދަނޑު ފުރާލައިފި


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓަރ ކުރުމުގެ ޕްރޮގްރާމް ހަފްތާއެއްގެ މެދުކެނޑުމަށްފަހު މިއަދު އަލުން ފެށުމުން އަނެއްކާވެސް އެތައްހާސް ބިދޭސީންނެއް ގަލޮޅު ދަނޑަށް ޖަމާވެއްޖެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިޔަ ފުރަތަމަ ދުވަހަށްވުރެ ދެގުނަ އިތުރަށް ބިދޭސީންނަށް ރެޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މި ޕްރޮގްރާމް ފުރަތަމަ ފައްޓާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، މަޖީދީމަގުގައި ކުރީގެ ޕީޖީ އޮފީސް ހުރި އިމާރާތުގައެވެ. ނަމަވެސް ދަނޑަށް މި މަސައްކަތް ބަދަލުކުރަން ނިންމީ ގިނަ ބިދޭންސީންތަކެއް ރެޖިސްޓްރީ ކުރުމަށް އެދެމުންދާތީއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޝުބާނާ އިބްރާޙިމް ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ދަނޑުގައި ކުރިއަށް ގެންދިޔަ މީގެ ފުރަތަމަ ޕްރޮގްރާމްގައި 3200 މީހުން ރެޖިސްޓްރީކޮށްފައިވާކަމަށެވެ.

"ފުރަތަމަ ދުވަހަށްވުރެ ދެގުނަ އިތުރަށް ރެޖިސްޓްރީ ކުރުމަށް މި މަސައްކަތް ކުރަނީ މިއަދު. ނަންބަރު ދޫކުރާވަރަކަށް މިނިސްޓްރީއިން މިދަނީ ލިޔެކިޔުންތައް ހެދުމުގެ މަސައްކަތް ކުރަން އެމީހުންނަށް ގުޅަމުން" ޝުބާނާ ވިދާޅުވިއެވެ.

ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރަމުންދަނީ ފަންސާހަކަށް ޑެސްކު ބަހައްޓައިގެންނެވެ. ރެޖިސްޓްރީވުމަށްޓަކައި ރެއިން ފެށިގެން ބިދޭސީންވަނީ ކިއުގައި ޖެހެން ފަށާފައެވެ. އަދި ވަކި ޤަވާއިދެއްގެ ދަށުން ދަނޑަށް ބިދޭސީން ވައްދަމުން އަންނައިރު، މަގު މަތީގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ކިއުގައި ތިބިކަން ފާހަގަކޮށްލެވެއެވެ. މީގެތެރޭގައި މާލޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ރަށްރަށުން އައިސްތިބި ބިދޭސީންވެސް ހިމެނެއެވެ.

ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް 6 މަސް ތެރޭގައި އެއްކޮށް ނިންމުމަށް އިކޮނޮމިކް މިނިސްޓްރީއިން ދަނީ މަސައްކަތް ކުރަމުންނެވެ.