ޚަބަރު

ޖިއޯ ސިންތެޓިކް އުފެއްދުންތައް ބޭނުންކޮށްގެން ގޮނޑުދޮށްތައް ހިމާޔަތްކުރުމާބެހޭ މަޢުލޫމާތު ފޯރުކޮށްދީފި


ޖިއޯ ސިންތެޓިކް އުފެއްދުންތައް ބޭނުންކޮށްގެން ގޮނޑުދޮށްތައް ހިމާޔަތްކުރުމާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ސެމިނަރއެއް ބާއްވައިފިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ޝަރަފުވެރިކޮށްދެއްވި މި ސެމިނަރއަކީ ޖިއޯ ސިންތެޓިކް އުފެއްދުންތައް މާކެޓްކުރާ މެލޭޝިޔާގެ ޓެންކާޓޭ ޖިއޯސިންތެޓިކްސްއާއި ރާއްޖެއަށް މިތަކެތި އެތެރެކޮށް މާކެޓްކުރާ ސަޕްލައި މެޓާރސްއާ ގުޅިގެން ބޭއްވި ސެމިނަރއެކެވެ.

މި ސެމިނަރގައި ޖިއޯ ސިންތެޓިކް އުފެއްދުންތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ކޯސްޓަލް ބިލްޑިންގ ޕްރޮޖެކްޓްސްތައް ކުރިއަށްގެންގޮސްފައިވާ ބޮޑެތި ކުންފުނިތަކުން ބައިވެރިވި، މަޢުލޫމާތު ދީފައިވެއެވެ. މިސެމިނަރގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ރާއްޖޭގެ އިންޖީނިއަރުންނާއި ކޮންޓްރެކްޓަރުން އަދި އާޓިޓެކްޓުން ބައިވެރިވިއެވެ.

ރާއްޖޭގައި ކުރިއަށްދާ ކޯސްޓަލް އިންޖިނިއަރިންގ މަސައްކަތްތަކުގައި ޓެންކާޓޭ ޖިއޯސިންތެޓިކްސް އުފެއްދުންތައް ބޭނުންކުރާތާ މިހާރު 15 ވަރަކަށް އަހަރުވެއްޖެއެވެ. އޭގެ ތެރޭގައި އެއަރޕޯޓްތަކާއި ރިސޯޓްތައް ހިމެނެއެވެ.