ޚަބަރު

ހއ.ތަކަންދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި


ހއ.ތަކަންދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ. މި ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިންތަކާއި ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް މިހާރުވަނީ އެރަށު ސިއްޙީ މަރުކަޒުގައި ޤާއިމްކޮށްފައެވެ.

ހއ.ތަކަންދޫއަކީ ގާތްގަނޑަކަށް 934 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ މީހުން މީގެ ކުރިން މި ޚިދުމަތް ހޯދަމުން ދިޔައީ އެ އަތޮޅު ހޮސްޕިޓަލުންނާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުންނެވެ.

މި ރަށްތަކަށް ދިޔުމަށް ގާތްގަނޑަކަށް 20 މިނެޓާއި 45 މިނެޓުގެ ދަތުރެއް ކުރަންޖެހެއެވެ. މޫސުން ގޯސްވެ ކަނޑު ގަދަވެއްޖެނަމަ މިފަދަ ދަތުރުތައް ކުރުމަކީ ތަކުލީފެއްކަމަށާއި ރަށުން މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.

ހއ. އަތޮޅުގެ 8 ރަށެއްގެ ސިއްޙީ މަރުކަޒުން ލެބޯޓަރީގެ ޚިދުމަތް މިހާރު ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.