ހދ. ނޮޅިވަރަމުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އެ ކޯޓުން ރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ގޯތި ހޯދުމަށް ނޮޅިވަރަމް ކައުންސިލަށް ހުށައަޅާފައިވާ ފަރާތަކުން އެފަރާތަށް ޕޮއިންޓް ދިނުމުގައި ކައުންސިލުން އިހުމާލު ވެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާކަމަށާއި، އަދި އެފަރާތުން ހުށައަޅާފައިވާ މައްސަލާއިގައި ވަކި ގޮތެއް ނިމެންދެން އެގޯތިތަކުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ނޮޅިވަރަމް މެޖިސްޓްރޭޓްކޯޓުން ނޮޅިވަރަމް ކައުންސިލްގެ މައްޗަށް އަމުރުކުރާކަމަށެވެ.
އެފަރާތަކުން ހުށައެޅި ފޯމްގައި ބައެއް ޑޮކިއުމެންޓްތައް ފުރިހަމަ ކޮށްފައި ނެތުމުން ލިބެންޖެހޭ ޕޮއިންޓްތައް ނުލިބި ހުރިކަން ކައުންސިލުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ.
މިކަމާމެދު ކައުންސިލުން ބުނެފައިވަނީ ޑޮކިއުމެންޓް ތައް ފުރިހަމަ ނުވިކަމުގައި ވިޔަސް ހުށައެޅިފައިވާ ޑޮކިއުމެންޓްތަކަށް ޕޮއިންޓް ދީފައި ވާނެކަމަށެވެ. ޝަރީއަތުން ބުނެފައިވަނީ އަންނަ ހަފްތާގައި މިމައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ނޮޅިވަރަމުން އެންމެފަހުން ދޫކުރި ގެވަޅުތަކާއި ގުޅޭ ގޮތުން ތިން މީހަކު ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށައަޅާފައި ވާކަމަށް އެރަށު ކޯޓުން މައުލޫމާތު ދެއެވެ.
ނޮޅިވަރަމުން ގޯތި ދޫކޮށްފައި މިވަނީ 8 އަހަރަށް ފަހުއެވެ. ކައުންސިލުންވަނީ ގެވަޅު ލިބޭ ފަރާތްތަކަށް ޕޮއިންޓު ދީ ގުރުލުންވެސް ނިންމާލާފައެވެ. ގެވަޅު ދޫކުރުމަށް ނިންމާފައިވަނީ އެރަށު ބަނދަރަށް ނުކުންނަ މަގު (އަޅިވިލާމަގު)ގެ ދެ ފަރާތުންނެވެ. އެގޮތުން މަގުގެ އެއް ފަޅިން 4 ބްލޮކް އަނެއް ފަޅިން 6 ބްލޮކުން ގެވަޅު ދިނުމަށް ނިންމާފައިވާއިރު ކޮންމެ ބްލޮކެއްގައި ހިމެނޭނީ 8 ގެވަޅު ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.
އެރަށުން 2011 ވަނަ އަހަރު ދޫކުރި 172 ގޯތީގެ މައްސަލަވެސް ބޮޑުވެ ގިނަ ދުވަސްތަކެއްވެ އެގޯތިތައް ޙަވާލު ނުކުރެވި ދުވަސްތަކެއް ހޭދަވެގެން ދިޔަ ކަން ފާހަގަ ކުރެވެއެވެ.