ޚަބަރު

ވެލާނާ އެއަރޕޯޓުގައި ޓެކްސީއަށް މީހުން އަރުވާ ސްޓޮޕްތަކަށް، ބަދަލުގެނައުން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ޓެކްސީތައް މަޑުކުރާ ސްޓޮޕްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)އިން ވަގުތީ ގޮތުން ބަދަލުކޮށްފިއެވެ. އެމްއޭސީއެލުން ވިދާޅުވީ މިބަދަލުގެނައީ ވީއައިއޭގެ ޓްރެފިކް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގެތެރެއިންކަމަށެވެ.

ސިނަމާލޭ ބްރިޖާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގިނަ މީހުން ދަތުރުކުރަނީ ޓެކްސީގައެވެ. މިއާއެކު އެއަރޕޯޓުގެ އެތެރޭގެ ޓްރެފިކްވަނީ އިތުރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ޓެކްސީން މީހުން ބޭލުމަށް ހަމަޖައްސާފައިވަނީ ސީދާ އިންޓަރނޭޝަނަލް ޓަރމިނަލް ކުރިމައްޗަށެވެ. ކުރިން މިސަރަޙައްދު ބޭނުންކުރަމުންއައީ އެއަރޕޯޓުން ޓެކްސީތަކަށް އެރުމަށް، މީހުން މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުގެ ގޮތުގައެވެ. އެހެންނަމަވެސް މިސަރަޙައްދުގައި ޓެކްސީ ކިޔު ދިގުވެ އެއަރޕޯޓުގެ އެތެރޭގެ ޓްރެފިކް ތޮއްޖެހުން އިތުރުވުމުގެ ސަބަބުން ގެނައި ބަދަލެއްގެ ގޮތުގައި މިކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
މިބަދަލާއެކު އެއަރޕޯޓުން ޓެކްސީއަށް އަރާ ސަރަޙައްދުވެސްވަނީ ބަދަލުވެފައެވެ.

އަލަށް ގެނައި ބަދަލާއެކު އެއަރޕޯޓުން ޓެކްސީއަށް އަރާ ސްޓޮޕަކީ ރިސޯޓުތަކުގެ ލޯންޗުތައް އަޅާފައި އޮންނަ ސަރަޙައްދުގައި ކުރިން މީހުން ބޭލުމަށް ޤާއިމްކުރި ސްޓޮޕެވެ. އަދި މިހާރު އޮތް ގޮތުން ކުރިއާ ޚިލާފަށް ގިނަ ޓެކްސީތަކަށް މީހުން އެރުވުމަށް މިސަރަޙައްދުގައި މަޑުކުރެވޭނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދުގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ކުރިން އޮތްގޮތަށް ޓެކްސީ ސްޓޮޕްތައް އޮތުމުގެ ސަބަބުން ވީއައިއޭގައި ދަތުރުކުރާ އެހެނިހެން ވެހިކަލްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

"މިބަދަލާއެކު ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. ވަރަށް ވަގުތު ކުޑަކޮށް ފުރަން ދާފަރާތްތަކަށްވެސް މިހާރު ވަރަށް ފަސޭހަވާނެ. ސީދާ ޓަރމިނަލް ކުރިމައްޗަށް ވެހިކަލް މަޑުކުރީމަ." ހަސަން އަރީފް ވިދާޅުވިއެވެ.

ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު އޮންނަނީ ދެކޮޅަށް ދުއްވޭ 2 ލޭން ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި އެއަރޕޯޓުގައި 4 ލޭން އޮންނާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. އެއާއެކު އެއަރޕޯޓުގައި ދިމާވާ ޓްރެފިކްގެ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.