ވިޔަފާރި

މެރިން އެކްސްޕޯ މިމަހުގެ 23 އިން 25 އަށް


ކަނޑު ބޯޓުތަކާއި ކަނޑު އުޅަނދުފަހަރުތަކަށް ޚާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް މެރިން އެކްސްޕޯ" މިމަހުގެ 23 އިން 25 އަށް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މި ދާއިރާގައި މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ. މިގޮތުން މެރިން އެކްސްޕޯގެ ތެރެއިން ތަކެތި އުފައްދާ ފަރާތްތަކާއި ތަކެތި ގަންނަ ވިޔަފާރިތައް ގުޅުވާލަދީ، އާ އުފެއްދުންތައް މާކެޓްކުރުމަށް ފަހި ފުރުޞަތެއް ޤާއިމްވެގެންދާނެކަމަށް މެރިން އެކްސްޕޯ އިންތިޒާމްކުރާ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

މިފަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ތީމްއަކަށް ހަމަޖައްސާފައިވަނީ "މެރިން ޓެކްނޮލޮޖީ"އެވެ.މި ތީމްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޓިންގ އަދި މެރިން އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ދިރާސާ ކުރެވިގެންދާނެކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯ ސަރުކާރުގެ އެކި ވުޒާރާތަކުން އެންޑޯޒްކޮށްފައިވާއިރު، މެރިން އެކްސްޕޯގައި 30 އެގްޒިބިޓަރުން 16 ސްޓޯލެއްގައި ހަރަކާތްތެރިވާނެއެވެ.

މެރިން އެކްްސްޕޯގެ އޮފިޝަލް އޮގަރނައިޒަރއަކީ ބްލަކް ޕްރައިވެޓް ލިމިޓެޑެވެ. މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓެވެ. ކޯ-ސްޕޮންސަރަކީ އަލްޝާލީ މެރިންއެވެ.