ވިޔަފާރި

އަތޮޅުތަކުގައި ހަފްތާރެސް މާކޭޓް ބޭއްވުމަށްފަހު މިއަދު ހަފްތާރެސް އަނެއްކާވެސް މާލޭގައި


ކޮންމެ ހަފްތާ ބަންދެއްގައި ސަރުކާރުން ބާއްވަމުން އަންނަ ހަފްތާރެސް މިއަދު މާލޭގައި ބާއްވަން ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިއަދު ހަފްތާރެސް މާކެޓް ބޭއްވުމަށް ނިންމާފައިވަނީ މާފަންނު ސޯޝަލް ސެންޓަރުގައިކަމަށެވެ.

ހަފްތާރެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ބޭއްވުމަށްފަހު ފާއިތުވެދިޔަ މަހުގައި ޔޫތު މިނިސްޓްރީން މި މާކެޓް ކުރިއަށްގެންގޮސްފައި ވަނީ އަތޮޅުތެރޭގައެވެ އެގޮތުން ޅ. ހިންނަވަރު، ލ. ގަމު، ރ. އުނގޫފާރު އަދި ފ. ނިލަންދޫގައި މިނިސްޓްރީން ވަނީ ހަފްތާރެސް މާކެޓް ކުރިއަށްގެންގޮސްފައެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ.

މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.