ވިޔަފާރި

ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ޚިދުމަތެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި


ސްމާޓް ފޯން މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ "މޯބައިލް ޕޮއިންޓް އޮފް ސޭލް، އެމްޕޮސްގެ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފްކޮށްފިއެވެ.

އެމްޕޮސް ޚިދުމަތް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް، ޕްރީޕެއިޑް ކާޑުގެ އިތުރުން ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ފައިސާ ދެއްކޭނެއެވެ. އެގޮތުން ފިހާރަތަކުގައި ހުންނަ ކިއު.އާރ ކޯޑް ސްކޭން ކޮށްލައިގެން، މި ޚިދުމަތް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ.

ބީއެމްއެލްއިން ބުނީ "ބީއެމްއެލް މޯބައިލް ޕޭ" ފޯނަށް އެޅުއްވުމުން މި ޚިދުމަތް ލިބިގަތުމަށް ފަސޭހަވެގެންދާނެކަމަށެވެ. މި ޚިދުމަތުގެ އިތުރުން ވެސް ބީއެމްއެލްއިން ވަނީ "ބީއެމްއެލް މަރޗަންޓް ޕޯޓަލް"ގެ ޚިދުމަތެއް ވެސް ތަޢާރަފްކޮށްފައެވެ.

މި ޚިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި ޓްރާންސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯރޓްތައް ތައްޔާރުކޮށްލެވޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްއިން އަލަށް ތަޢާރަފްކުރި ޚިދުމަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޓިމޮތީ ސޯޔަރ ވިދާޅުވީ މިއީ ބޭންކިންގ ނިޒާމް ޒަމާނީކުރުމާއެކު ފައިސާގެ މުޢާމަލާތްކުރުމުގައި ނަގުދު ފައިސާ ބޭޏުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ބޭންކިންގ އަކަށް ވާސިލްވުމަށް ބޭންކުން ތަޢާރަފްކޮށްފައިވާ ޚިދުމަތެއްކަމަށެވެ. ޓިމޮތީ ވިދާޅުވީ ބޭންކުގެ އުއްމީދަކީ މި ޚިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކާއި މި ވިޔަފާރިތަކުން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ލުއި ފަސޭހަވުންކަމަށެވެ.

ބީއެމްއެލް އިން ބުނީ އަލަށް ތަޢާރަފްކުރި ޚިދުމަތްތައް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައްވެސް ބަލައިގަނެވޭނެކަމަށެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އަލީ ޕޭ، ގޫގުލް ޕޭ، އެޕަލް ޕޭ ފަދަ ޙިދުމަތްތައް ބޭނުންކޮށް ފައިސާ ދެއްކޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.