ޚަބަރު

ސައިވާކްގެ 8ވަނަ ގަވަނިންގ ބޯޑުގެ ބައްދލުވުން ފަށައިފި


"ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން"ގެ 8ވަނަ ގަވަނިންގ ބޯޑު މީޓިން ފަށައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން މި މަހުގެ 17އިން 19އަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ބައްދަލުވުމުގެ މަޤްޞަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމެވެ. އަދި ސައިވާކްގެ 7ވަނަ ގަވަނިންގ ބޯޑު މީޓިންގގައި ނިންމި ކަންތައްތައް ހާސިލުކުރުމުގައި ހޯދާފައިވާ ކުރިއެރުންތައް ދެނެގަތުމާއި، 5ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމަކީވެސް މި ބައްދަލުވުމުގެ މަޤުސަދެކެވެ.

މި ބައްދަލުވުމުގެ ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓރަ ޝިދާތާ ޝަރީފްވަނީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ކުޑަކުދިންގެ ޢަދުލުގެ ބިލުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން މިބިލް ފާސްކުރައްވާނެކަމަށް އުއްމީޑުކުރައްވާކަމަށާއި މި ބުލުގެ ސަބަބުން ކުޑަކުދިންނަށް އެކުދިންގެ ޙައްގުތައް ކަށަވަރުކުރުމުގެ ބާރަކަށް މިކަން ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގައި މިބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރުއެވެ.

ސައިވާކަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު 8 ޤައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.