ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފި


ދ. އަތޮޅު ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. މިއަދު ހެނދުނު ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތައް ރައީސްވަޑައިގެންނެވުމުން އެހޮސްޕިޓަލުގެ މުވައްޒަފުންވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެއެވެ.

ދަތުގެ ފަރުވާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެތަނުގައި ހުރި އިންތިޒާމްތައް ބައްލަވާލެއްވައި، ހޮސްޕިޓަލަށް ޒިޔާރަތްކުރާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.

ދ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ފެށިގެންދިޔަ ދަތުގެ ފަރުވާގެ ޚިދުމަތާއެކު އެއަތޮޅުންނާއި، ކައިރި އެހެން އަތޮޅުތަކުގެ ރަށްތަކުން ޚިދުމަތް ހޯދާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ދަތުގެ ފަރުވާއަށް މީގެކުރިން އެހިސާބުގެ ރަށްރަށުން ދާންޖެހެނީ މާލެއަށްކަމަށާއި، އެހޮސްޕިޓަލުގައި މި ޚިދުމަތްފެށުމުން ރައްޔިތުންނަށް ލުއިތަކެއްވެގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ދ. އަތޮޅުގައި ޞިއްޙީ މަރުކަޒެއް ބިނާކޮށް، ޞިއްޙީ ޚިދުމަތް ދޭން ފެށީ 21 ޖުލައި 1969 ގައެވެ. ކުޑަހުވަދޫ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކޮށް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ 24 މެއި 2002 ގައެވެ. ޑެންޓިސްޓެއްގެ ޚިދުމަތާއިއެކު، ދ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ހިމެނެއެވެ.

ދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު މިއަދުވަނީ ކުޑަހުވަދޫގެ އެކިއެކި މުއްސަސާތަކާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެމުއައްސަސާތަކަށް ކުރިމަތިވެފައިވާ ދަތިތައް އޮޅުންފިލުއްވައި، ކުރިއަށްއޮތްތަކުގައި ސަރުކާރުން އެފަދަ އިދާރާތަކުގެ ކުރިއެރުމަށް ގެންގުޅުއްވާ ތަސައްވުރާއި، ޚިދުމަތްތައް ފުޅާކުރަން ރާވާފައިވާ ޕްލޭންތަކުގެ އިތުރުން ބަޖެޓްގައި ހިމަނާފައިހުރި ކަންކަން މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުއައްސަސާތަކަށް މުވައްޒަފުން ހޯދުމާއި ޢިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، ބޭންކިންގގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުރި ދަތިތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރެއްވިއެވެ.