ޚަބަރު

ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކަށް އޮތް ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަކުރުން - ރައީސް


ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކަށްއޮތް އެންމެ ރަނގަޅު ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަ ކުރުންކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މީގެ 50 އަހަރުކުރިން ރައްޔިތުންގެ ހޭލުންތެރިކަމާއި ޚިދުމަތްތަކާއި ވަސީލަތްތައް ހުރިގޮތް، މިހާރާ ބަލާއިރު ތަފާތުކަމަށެވެ.

އޭރު ރާއްޖޭގެ ގިނަ ރަށްރަށަކީ ބޮޑެތި އެތައް ބަލިތަކެއްގެ ނުރައްކާތެރިކަން އޮތް ތަންތަންކަމަށާ، ފައިލޭރިޔާ، މެލޭރިޔާ، ޕޯލިއޯ، ކެއްސުންބަލި ފަދަ، ބަލިތަކުގައި އެތައްބަޔަކު މަރުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. ފަހުގެ އަހަރުތަކުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށާއި، މުޅި ޞިއްޙީ ނިޒާމަށް ގިނަ ބަދަލުތަކެއް އަތުވެއްޖެއެވެ. އޭގެ ތެރޭގައި ވަރަށް ރަނގަޅު ބަދަލުތައްއައިރު، ނުރަނގަޅު ބަދަލުތަކެއް މިހާރުވެސް ފެންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަފާތު ބަލިތަކުގައި ދިވެހިން މަރުވާ ނިސްބަތަށް ބަލާއިރު، މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށާ، އަހަރަކު މަރުވާ ދިވެހިންގެ ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ އެފަދަ ބަލިތަކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިދެންނެވީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް. މީގެ ތެރެއިން ވަރަށް ގިނަ ބަލިތަކަކީ، ދުންފަތާ ވަރަށް ބޮޑަށް ގުޅިފައި ހުރި ބަލިތައް. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމު. ރާއްޖެއަށް އަހަރަކު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެބަ އެތެރެކުރޭ. އެއީ އަޅިޔަށް ހަދައި އިސްރާފުކޮށްލެވޭ 1.6 ބިލިޔަން ރުފިޔާ." ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި، އެ ނުރައްކާ ނައްތާލަން އެންމެންވެސް ތެދުވާން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. މިކަމުގައި އަތޮޅު ހޮސްޕިޓަލްތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށާ، ގައިންގަޔަށް އަރާ ބޮޑެތި ބަލިތައް ނައްތާލެވިފައި ވިޔަސް، ޞިއްޙީ ޚިދުމަތުގެ ތެރެއިން ދިވެހިންނަށް މިއަދު ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ގިނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކިތަންމެ ބައްޔަކާ އަޅުގަނޑުމެން މިއަދު މިވަނީ ހަނގުރާމަ ކުރަންޖެހިފައި. ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކަށްއޮތް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަ ކުރުން" ރައީސް ވިދާޅުވިއެވެ.

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގެ ފަރުދުންނާއި ޢާއިލާތަކުގެ ޞިއްޙަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުންކަމަށާއި، އެކަން ޙާޞިލްކުރެވޭނީ، ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި އެކަމަށް މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވައި ރައީސް ޞާލިޙްވަނީ މުޅި މުޖްތަމަޢު އެކުގައި އެކަމަށް ތެދުވުމަށް ގޮވާލައްވާފައެވެ.

ގައިން ގަޔަށް އަރާ ބަލިތައް، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭން ނައްތައިލެވުނީ އޭރުގެ ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން، ގެއިން ގެޔަށް، ދޮރުން ދޮރަށް ހިންގަވައިގެން، ކުރެއްވި މަސައްކަތުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ޙަޤީޤީ ކާމިޔާބީއަކީ އެއީކަމަށާ، މިއަދު ދިވެހިންގެ ޢާންމު ޞިއްޙަތުގެ ވާހަކަ ދައްކާއިރު، ހޭލުންތެރި ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ވިފދާޅުވިއެވެ. އަދި ޢާންމު ޞިއްޙަތާ މެދު ހޭލުންތެރިކުރުމަށް ދޮރުންދޮރަށް ހިނގުމުގެ ޙަރަކާތްތައް އަލުން ފަށަންޖެހިފައިވާއިރު، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް 50 އަހަރު ފުރިގެން އެކަން ފާހަގަކުރިޔަސް، އެންމެ އެކަށީގެންވާ ފެންވަރަށް އަދިވެސް ޞިއްޙީ ޚިދުމަތް ލިބެން ނެތްކަން ޤަބޫލުކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެކަމުގައި ގިނަ ދަތިތައްވެސް އެބަހުރިކަމަށާ، ވަސީލަތްތަކުގެ ދަތިކަމާއި ޖާގައިގެ ދަތިކަމާއި، ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވެސް އިންތިހާއަށް އެބައޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއްކުރައްވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.