ސިއްހަތު

މާރސް ވައިރަސް ރާއްޖެއަށް އަޔަނުދިނުމަށް ފިޔަވަޅު އަޅަނީ


މާރސް ވައިރަސް ދިވެހިރާއްޖެއަށް އެތެރެވެ ފެތުރުނަ ނުދިނުމަށްޓަކައި
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން
އެޖެންސީން ބުނެފިއެވެ.



ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ،
ދެހާސްބާރަ ވަނަ އަހަރުން ފެށީގެން މެދުއިރުމަތީގެ ގިނަ ޤައުމުތަކުން ފެނިފައިވާ
މާރސްކޮރޯނާ ވައިރަސް ބަލި ވޭތުވެދިޔަ މަހެއްހާ ދުވަހުގެތެރޭގައި ދެކުނު އޭޝިޔާގެ
ބައެއް ޤައުމުތަކުން ފެނުމާއި ގުޅިގެން މިބަލި ރާއްޖޭގައި  ފެތުރުނަނުދިނުމަށް ހެލްތް މިނިސްޓްރީ އާއި
ކަމާއިގުޅޭ މުއައްސަސާތަކުން ކުރަމުންދާކަމަށެވެ. އެގޮތުން މިބަލި ހެލްތް
ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރ ކުރަމުންދާކަމަށާއި، މިބަލިން ދިވެހިން އަދި
ދިވެހިރާއްޖެ ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް
ކުރަމުންދާކަމަށެވެ. މިބައްޔާއި ގުޅިގެން އާއްމުން ބޭނުންވާ މަޢުލޫމާތު
އެއެޖެންސީގެ ނަމްބަރު 3014496 އަދި 9752299 އަށް ގުޅުމުން ފޯރުކޮށްދެވޭނެކަމަށްވެސް
އެއެޖެންސީން މަޢުލުމާތުދެއެވެ.



މިބަލީގެ އަލާމާތްތަކުގެތެރޭގައި ހުންއައުމާއި، ކެއްސުން އަދި ހުން އަންނަތާ
2ދުވަސް ނުވަތަ 3 ދުވަސްތެރޭގައި ނޭވާކުރުވުމާއި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.



މާރސް ކޮރޯނާ ވައިރަސް އަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކަމުގައި ނުވި
ނަމަވެސް މިއީ ނުރައްކާތެރި ބައްޔެއްކަމުގައިވާތީ މިބަލިން ފުރިހަމައަށް
ރައްކާތެރިވެތިބުމުގެ ގޮތުން މުހިއްމު ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން
އެޖެންސީން އިލްތިމާސްކުރެއެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން މިބަލި އުޅޭ
އެއްވެސް ޤައުމަކަށް ދަތުރުކުރާނަމަ ސަމާލުކަން ދިނުމާއި، ސައިބޯނި ލައިގެން
ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަގަޅަށް
ނިވާކުރުން، ކެއްސުމަށްފަހުގައާއި ކިނބިހި އެޅުމަށްފަހު ސައިބޯނި ލައިގެން
އަތްދޮވުން އަދި  ޖަމަލު ފަދަ ޖަނަވާރުގައި
އަތްލާ ނެހެދުމާއި އެފަދަ ޖަނަވާރު ކައިރީގައި ގިނަވަގުތު ހޭދަނުކުރުން
ހިމެނެއެވެ.



މާރސް ކޮރޯނާ ވައިރަސް ބައްޔަކީ، ނޭވާލާ ނިޒާމަށް ޖެހޭ އެހެންބަލިތަކާއި
ޚިލާފަށް ވައިގެ ޒަރީއާއިން އެއް އިންސާނެއްގެ ފަރާތުން އެހެން އިންސާނުންނަށް
މިބަލިޖެހުން ގާތް ބައްޔެއްނޫނެވެ.



އެހެންނަމަވެސް ބަލިޖެހިފައިވާ މީހުންނާ ވަރަށް ގާތުގައި އުޅޭ މީހުންނަށް
އަދި ބަލިޖެހިފައިވާ މީހުންނާއެކު ގިނަވަގުތު އެކުގައި ހޭދަކުރާ މީހުންނަށް މިބަލި
އެރުން ގާތްކަމަށް ސިއޙީ އޮފިޝަލުން ބުނެއެވެ. އަދި ބަލިފެތުރުމަށް ބޮޑަށް
ދިމާވެފައިވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައާއި އެމީހުން ބެލެހެއްޓުމުގައި އުޅޭ
ފަރާތްތަކުން އެކަށީގެންވާ ސާފުތާހިރުކަމުގެ ފިޔަވަޅުތައް ނޭޅުމުގެ
ސަބަބުންކަމަށްވެސް އެފަރާތުން ބުނެއެވެ.