ޚަބަރު

އެމްއެމްއައިއިން ވަނީ ކިޔަވައިދިނުމުގައި ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި - އާތިޔާ


ރާއްޖޭގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއައިގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވަނީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޒަމާނާއިއެކު އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހަމައެކަނި ފޮތް ފަންސޫރުން ތަޢުލީމު ޙާސިލުކުރި ދުވަސް ފަހަނައަޅާގޮސް މިއަދު ތަޢުލީމު ޙާސިލުކުރުމުގައި ގިނަ އައު ދާއިރާތަށް އިތުރުވެފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްްވިއެވެ. ރާއްޖޭގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ތަޢުލީމު ފޯރުކޮށްދިނުމުގައި ޒަމާނާއިއެކު ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. އެގޮތުން މިއަދު ހަމައެކަނި ފޮތް ފަންސޫރުން ތަޢުލީމު ޙާސިލުކުރި ދުވަސް މިވަނީ މާޒީވެ ގޮސްފައި. ރާއްޖޭގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައި އިން ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި." ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ މިއަހަރު އެމްއެމްއައިއިން މެލޭޝިއާގެ ލިމްކޮކް ވިންގް ޔުނިވަރސިޓީއާއި ގުޅިގެން ކާމިޔާބު ކޯހެެއް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ލޭޑީސް ޑްރެސް މޭކިން ކޯހަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ޖިނާޙު ފާހަގަކުރެއްވިއެވެ. ޖިނާޙު ވަނީ ލިމްކޮކްވިންގްއާއި ގުޅިގެން މިއަންނަ އަހަރު އިތުރު ކޯސްތަކެއް ހިންގުމުމުގެ މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ.

" ލޭޑީސް ޑްރެސް މޭކިން ކޯހަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވޭ. މިހާރުވެސް މީގެ ދެވަނަ ބެޗެއް އެބަ ކިޔަވަމުންދޭ. ލިމްކޮކްވިންގްއާއި ގުޅިގެން މިއަންނަ އަހަރު އިތުރު ކޯސްތަކެއް ހިންގުމުމުގެ މަސައްކަތްކުރަމުން މިދަނީ." ޖިނާޙު ވިދާޅުވިއެވެ.

އެމްއެމްއައިގެ 2019 ވަނަ އަހަރު ސެޓްފިކެޓް ލެވެލްގެ 4 ކޯހަކުން 38 ދަރިވަރުންވަނީ ކޯސް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ އެއްކޯސް ފުރިހަމަކުރި 9 ދަރިވަރަކަށްވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓްވަނީ ހަވާލުކޮށްފައެވެ.