ޚަބަރު

ހުޅުދެލީގެ މުއައްސަސާތަކަށް ޢުމްރާނީ ގޮތުން ދިމާވެފައިވާ ދަތިތައް ރައީސާއި ޙިއްސާކޮށްފި


ނިލަންދެ އަތޮޅު ދެކުނުބުރީ ހުޅުދެލީގައި ހުރި މުއައްސަސާތަކަށް މިހާރު ކުރިމަތިވެފައިވާ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ޙިއްޞާ ކުރައްވައިފިއެވެ.

ދ.ހުޅުދެލީ ސްކޫލާއިޞިއްޙީ މަރުކަޒާއި ފެނަކައިގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ މުއައްސަސާތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ދަތިތަކުގެ މަޢުލޫމާތު، އެ ބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ހުޅުދެލީގެ ބައެއް މުއައްސަސާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ސްކޫލާއި ޞިއްޙީ މަރުކަޒާއި އިންޖީނުގެއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ބައެއް ކަންތައްތަކާ ބެހޭގޮތުން މިބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާވަނީ ހުޅުދެލީ ޞިއްޙީ މަރުކަޒާއި، އިންޖީނުގެ އަދި ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ހުޅުދެލީ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުން، ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށްޓަކާ ކަމާބެހޭ އިދާރާތަކާއި، ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި.