ޚަބަރު

ހުޅުމާލެ މަޝްރޫޢުއަށް 22 އަހަރު، 50،000 މީހުންނަށް ބޯހިޔާވަހިކަން!


ހުޅުލޭ ފަޅުން ބައެއް ހިއްކައިގެން ތަރައްޤީކުރި ޒަމާނީ ސިޓީ، "ހުޅުމާލެ"އަކީ މިފަދަގޮތަކަށް ފަޅެއް ހިއްކައިގެން ރާއްޖޭގައި ތަރައްޤީކޮށް މީހުން އާބާދުކުރި ފުރަތަމަރަށެވެ. ހުޅުމާލޭ މަޝްރޫޢުގެ މަސައްކަތް ފެށިތާ މިހާރުވަނީ 22 އަހަރުވެފައެވެ. ހުޅުމާލެއަކީ މިހާރު 50،000 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

ދިވެހި ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ވުމަކީ އިދާރީ ގޮތުންނާއި، އަދި ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމުގައިވެސް އަބަދުވެސް ކުރިމަތިވަމުން އައި އެންމެ ބޮޑު ގޮންޖެހުމެވެ. މިކަން ޙައްލު ކުރުމަށް އޭރުގެ ރަޢީސުލްޖުމްހޫރިއްޔާ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް މަސައްކަތް ފެއްޓެޓެވި މާލެ ކައިރިން ފަޅެއް ހިއްކައި، އެ ރަށުގައި ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށްގެންދިއުމަށެވެ.

މި ކަމަށްޓަކައި ފަރުކޮޅުފުށި ފަޅު ހިއްކުމުގެ މަސައްކަތް ފެށީ 1997ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ރާއްޖޭގައި ހިންގި ބިންހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢުއަށް މިއަދަށް މިފުރެނީ 22 އަހަރެވެ.

މިއީ ރާއްޖޭގައި މިގޮތަށް ފަރެއް ހިއްކައިގެން މީހުން އާބާދުކުރުމަށް ހިންގި ފުރަތަމަ މަޝްރޫޢުއެވެ. އޭރު ރާއްޖޭގައި ހުރި ވަސީލަތްތަކުގެ މަދުކަމާއިއެކު، އޭރުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކްސް ވަރކްސްގެ ބެލުމުގެ ދަށުން ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ރާއްޖެއިން ބޭރުގެ ޖޮއިންޓްވެންޗަރ ކުންފުންޏަކާއެކުއެވެ.

ބިންހުކުމާއި، ރަށުގެ ފަސްގަނޑު ޙިމާޔަތް ކުރުމުގެ މަސައްކަތްތާއިއެކު މި ބިން ހިއްކުމުގެ މަޝްރުޢޫގެ އަގު 30މިލިއަން ޑޮލަރަށް އަަރައެވެ. މި މަޝްރޫޢުގެ ދަށުން ފަރުކޮޅުފުށި ފަޅުން 188 ހެލްޓަރުގެ ބިން ހިއްކައި، މާލޭގެ އަވަށެއްގެ ގޮތުގައި އެ ބިން ތަރައްޤީކުރިއެވެ.

ހުޅުމާލެ ބިންހިއްކުމާއި، ބިން ޙިމާޔަތްކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާލެވުނީ މަސައްކަތް ފެށިތާ 5 އަހަރު ފަހުން، 2002ވަނަ އަހަރުއެވެ. މިއީ ބިން ހިއްކައިގެން މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ އަދި އެންމެ ބޮޑު މަޝްރޫޢުވެސްމެއެވެ. މި ބިން މާލޭގެ އަވަށެއްގެ ގޮތުގައި "ހުޅުމާލޭ"ގެ ނަމުގައި ހިމަނައި ރަށް ތަރައްޤީކުރުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓްގެ ގޮތުގައި ޔުނިޓެއް އެކުލަވާލިއެވެ.

އަދި ފަހުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ބަދަލުކޮށް، މިހާރު އެ ކޯޕަރޭޝަންގެ ނަންވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށްފައެވެ.

ފަޅެއް ހިކައިގެން ހެދި ހުޅުމާލެ، މީހުންނަށް އުޅެވޭނެހެން ހައުސިންގ ޔުނިޓްތަކާއިއެކު ތަރައްޤީކޮށް، ފުރަތަމަ އާއިލާތައް ދިރިއުޅެން ފެށީ 12 މެއި 2004ވަނަ އަހަރުއެވެ. ހުޅުމާލޭގައި މީހުން އާބާދުކުރުމަށް ފުރަތަމަ ދޫކޮށްފައިވަނީ 210 ހައުސިންގ ޔުނިޓާއި 120 ލޭންޑް ޕްލޮޓްއެވެ.
ހުޅުމާލެއަށް އެންމެ ފުރަތަމަ ދިރިއުޅުން ބަދަލުކުރީ 200 އާއިލާއެވެ. އެއީ ގާތްގަނޑަކަށް 1000 މީހުންނެވެ.

އަލަށް މީހުން އާބާދުކުރިއިރު އެރަށުގައި ހުރީ ސްކޫލަކާއި މިސްކިތަކާއި އަދި މީހުން ދިރިއުޅޭ ގެތަށް އެކަންޏެވެ. އަދި ގިނަ ޚިދުމަތްތައް ހޯދުމަށް މީހުން އަންނަނީ 20 މިނެޓްގެ ފެރީ ދަތުރެއްކޮށް މާލެއަށެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ 15 އަހަރުފަހުން މިހާރު، ހުޅުމާލެއަކީ 50،000އެއްހަ މީހުން ބޯހިޔާވަހުކަން ހޯދަމުން އަންނަ ރަށެކެވެ. ބޮޑެތި ހޮސްޕިޓަލްތަކާއި، މިސްކިތްތަކާއި، ސްކޫލުތަކާއި، ވިޔަފާރިތައް މިހާރު ހުޅުމާލޭގައި ހަދައި، ފޭސް 1ގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ފުރިހަމަވެފައެވެ..

ހުޅުމާލޭ ފޭސް 1 ހިކުމުގެ މަސައްކަތް ނިމުނުތާ 17 އަހަރު ފަހުން، މި ދިޔަ ސަރުކާރުންވަނީ ހުޅުމާލޭގެ 2ވަނަ ފޭސްއެއް ހިއްކާފައެވެ. ހުޅުމާލެ ފޭސް 1އަކާއި، ފޭސް 2 ގުޅޭގޮތަށް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން 244 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިންމައި 2ވަނަ ފިޔަވަހީގައި މިހާރުދަނީ ހައުސިންގެ ބޮޑެތި މަޝްރޫތައް ހިންގަމުންނެވެ.
ހުޅުމާލެ 2ވަނަ ފިޔަވައްސާއިއެކު ހުޅުމާލޭގެ އާބާދީ 2 ލައްކައަށްވުރެ މަތިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ހުޅުމާލޭގެ ބިޔަ މަޝްރޫޢުއަކީ މުޅީ ރާއްޖޭގައިވެސް ހިންގި ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ހުސްބިމަކަށް ދިރުންގެނެސް ގިނަ ބައެއްގެ ދިރުއުޅުން އާރާސްތުކޮށްދިން ރަށެވެ.