ސިޔާސީ

ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި މައްސަލައެއް ނެތް - ޚާރިޖިއްޔާ


ސުޕްރީމް ކޯޓުން ނެރުނު
ގައިޑްލައިންއަކީ އާއްމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ ރޫހެއްގައި
ނެރެފައިވާ ގައިޑްލައިނެއް ނޫން ކަމަށާއި އެޗް.އާރް.ސީ.އެމްގެ މަސައްކަތްތައް
ރާއްޖޭގެ ޤާނޫނު އަސާސީގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ބާރު އެޅުމުގެ ގޮތުން
ނެރެފައިވާ ގައިޑްލައިނެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ.



ޚާރިޖިއްޔާ އިން މިހެން
ވިދާޅުވީ ސުމޯޓޯ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އާއި ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު
ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން، އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އދގެ
އިދާރާ ޔޫ.އެން.އެޗް.ސީ.އާރްގެ ހައިކޮމިޝަނަރއާއި ފަނޑިޔާރުންނާއި ޤާނޫނީ
ވަކީލުންގެ މިނިވަންކަމާއި ބެހޭ އދ ގެ ޚާއްސަ ރެޕަޓުއަރ އާއި އިންސާނީ ހައްޤުތައް
ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ބެހޭ އދ ގެ ޚާއްސަ ރެޕަޓުއަރ،
އިއްޔެ ނެރުނު ނޫސްބަޔާނަށް ރައްދުދެއްވައެވެ.



ޚާރިޖީ ވުޒާރާއިން  މިއަދު ނެރުއްވާފައިވާ ނޫސްބަޔާނުގައި،
ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޑިމޮކްރަސީއެއް ކަމާއި މިވަގުތު ރާއްޖެ ވަނީ
އިންތިޤާލީ މަރުހަލާއެއްގައި ކަމާއި، މިއީ ރާއްޖޭގެ ތަރައްޤީއަށް މުހިއްމު
ދަނޑިވަޅެއް ކަމަށް ސިފަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި
ޤާނޫނުތަކާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން
ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން
ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީވާން ބޭނުންވާ ފަރާތްތަކަށް،  މިވީހާތަނަށްވެސް ފުރުސަތު ހުޅުވާލާފައިވާ
ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ މަސައްކަތަށް ބުރޫ އަރާގޮތަށް ކަންކަމުގެ
ދެކޮޅުނުބަލައި ބޭރުގެ ފަރާތްތަކުން ފާޑުކިޔުމަކީ ރާއްޖޭގެ ތަރައްޤީއަށް އެންމެ
އެދެވޭކަމެއްގެ ގޮތުގައި ނުފެންނަ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. އަދި
ދެފަރާތުގެ އިއްޒަތާއި ކަރާމާތަށް ބުރޫނާރާނޭ ގޮތަށް ކަންކަމުގައި މަޝްވަރާގެ
އުސޫލުން ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން  އޮފްދަ މޯލްޑިވްސް ފަދަ މިނިވަން
މުއައްސަސާތައް ރާއްޖޭގައި ހަރަކާތްތެރިވުމަށް ޖާގަދީފައިވާ ކަމަށާއި އެހެން
ނަމަވެސް އަދުލުއިންސާފުގެ ނިޒާމަށް ނުފޫޒުފޯރުވިޔަ ނުދީ މަސައްކަތްތައް ބައްޓަންކުރަން
ޖެހޭ ކަމަށް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.  

ޚާރިޖިއްޔާގެ ބަޔާނުގައި ޤައުމުތަކުގެ އިންސާނީ ހައްޤުތައް
މުރާޖަޢާކުރުމަށް ބާއްވާ ޔޫ.ޕީ.އާރް ސެޝަނަށް ހިއުމަން ރައިޓްސް ކޮމިޝަން  އޮފް ދަ މޯލްޑިވްސްއިން ހުށަހެޅި
ކަންތައްތަކަށް ސަރުކާރުން އެއްބާރުލުން ދެއްވާފައިވާ ކަން ފާހަގަކޮށްފައިވެއެވެ. އެޗް.އާރް.ސީ.
އެމުން އދ އަށާއި ބައިނަލްއަޤްވާމީ އެހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ
ރިޕޯޓުތައް ފޮނުވުން ސުޕްރީމް ކޯޓްގެ ގައިޑްލައިންގެ ދަށުންމަނާކޮށްފައި ނުވާކަން
މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

މި ގައިޑްލައިނުގައި ރާއްޖޭގެ ޤާނޫނު
އަސާސީގެ ތަރަހައިގެ ތެރޭގައި މަސައްކަތްކުރުމައް ނަސޭހަތްތެރިވެފައިވުމަކީ   ސުޕްރީމް ކޯޓުން  އެޗް.އާރް.ސީ.އެމްގެ މަސައްކަތްތަކަށް  ގަސްތުގައި ހުރަސްއެޅުންކަމަށް ނުބެލެވޭނެ
ކަމަށްވެސް ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު ޤައިޑްލައިންއަކީ އާއްމު
ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ ރޫހެއްގައި ނެރެފައިވާ
ގައިޑްލައިނެއް ނޫން ކަމަށާއި އެޗް.އާރް.ސީ.އެމްގެ މަސައްކަތްތައް ރާއްޖޭގެ
ޤާނޫނު އަސާސީގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ބާރު އެޅުމުގެ ގޮތުން
ނެރެފައިވާ ގައިޑްލައިނެއް ކަމަށް ވިދާޅުވެފައިވެއެވެ. ޚާރިޖިއްޔާގެ ބަޔާނުގައި
ޤާނޫނު އަސާސީއާއި ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުމަށް ސަރުކާރުން
އިސްކަންދެއްވާ ކަމަށް ވިދާޅުވެފައިވޭ. އަދި އިންސާނީ ހައްޤުތައް
ހިމާޔަތްކުރުމަށް، ބައިނަލްއަޤްވާމީ މަސްރަޙްގައި ސަރުކާރުން ވެފައިވާ
ވަޢުދުތަކަށް  ސަރުކާރުން ހުރުމަށްތެރިކޮށް
ހިއްތަވާނެކަން ތަކުރާރުކުރައްވާފައިވެއެވެ.