ޚަބަރު

އެސް.އޭ.ޕީ ތަންފީޒުވާ މިންވަރު ބެލުމަށް ވަކިވަކި ވުޒާރާތަކަށް މެނޭޖަރުން


ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުވާ މިންވަރު ދެނެގަތުމަށް ވަކިވަކި މުއައްސަސާތަކަށް އެސް.އޭ.ޕީ މެނޭޖަރުން އައްޔަނުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ފަރާތުން އެސް.އޭ.ޕީގެ މަސައްކަތްތަކާގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ، އާމިނަތު ޝައުނާ ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯ ވަޢުދުތަކާއި، އެކި އެކި ދާއިރާތަކުން މިހާރުވެސް ކުރަމުންދާ މުހިއްމު މަސައްކަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެސް.އޭ.ޕީގެ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށްޓަކާ އެސް.އޭ،ޕީ ހިންގުމުގެ އިދާރީ އޮނިގަނޑެއް އެކުލަވާލާ އަމަލުކުރަމުންދާކަމަށެވެ. މި އޮނިގަނޑުގެ ދަށުން އެސް.އޭ.ޕީގައި ހިމެނޭ މައިގަނޑު 33 ކަންތައްތައް ބެހިގެންދާ ވުޒާރާތަކުން، އެކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ދެނެގަތުމަށް ޚާއްސަ މެނޭޖަރުން އައްޔަނުކޮށްފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެބޭފުޅުންގެ މައިގަނޑު ދައުރަކީ އެސް.އޭ.ޕީގައި އެ މިނިސްޓްރީއަކާއި ނުވަތަ އެ ދާއިރާއެއްގައި ހިމެނޭ ކަންކަން އެކަށީގެންވާގޮތުގައި ތަންފީޒުވޭތޯ ބަލައި، އަދި "އޮފް-ޓްރެކް" ނުވަތަ ރަނގަޅަށް ތަންފީޒުނުކުރެވޭނަމަ، އެ ތަންތަނަކީ ކޮބައިކަންތޯ ބަލާ، އެތަންތަން ރީފޯރމްކުރުން.. އެހެންވީމަ މިނިސްޓްރީތައް ކޮންމެ ދުވަހަކުހެން ފޯކަސްކުރަންވާނީ އެސް.އޭ.ޕީ އިމްޕްލިމެންޓް ކުރުމަށް.." ޝައުނާ ވިދާޅުވިއެވެ.

އެސް.އޭ.ޕީގެ ދަށުން ހާސިލުކުރަން ކަނޑައަޅާފައިވާ ކަންކަމަށް މަސައްކަތްކުރުމަށްޓަކާ 3 ވަރކިންގ ގްރޫޕެއް އެކުލަވާލާފައިވާކަމަށާއި، މިކަންކަން ވިލަރެސްކުރުމަށްޓަކާ ޙާއްސަ ނެޓްވޯރކްތަކެއްވެސް އެކުލަވާލާފައިވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން، އެސް.އޭ.ޕީއަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކާ ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯރކް ހިމެނޭ ޕްލޭނިންގ ޑޮކިއުމަންޓެކެވެ. އަދި އެސް.އޭ.ޕީގެ ދަޢުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ދެނެގަނެ، ކުރިއަށްދާ މިންވަރު ބެލުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެސް.އޭ.ޕީގައި ހިމެނޭ ކޮންމެ ދާއިރާއަކަށް ބޭނުންވާ ސިޔާސަތުތަކާއި، އިސްތިރާޖުތަކާއި، ޙަރަކާތްތަކުގެ އިތުރުން ކޮންމެ ދާއިރާއަކުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ތަފްޞީލުކޮށް ހިމަނާފައިވެއެވެ. އަދި މި ޕްލޭންގައި ޤައުމީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ތަރުތީބުކުރެވި، ދެލިކޮށް، ނަންބަރުޖެހި، މުއްދަތު ޖަހާފައިވެއެވެ. މި ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.