ޚަބަރު

2023ގެ ނިޔަލަށް މަދުވެގެން %80 މިސްކިތްތަކުގައި ބޭނުންކުރާނީ ޢިޢާދަކުރަނިވި ހަކަތަ


2023ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން މަދުވެގެން އަށްޑިހަ އިންސައްތަ މިސްކިތުގައި އެއަރ ކޮންޑިޝަނަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތަކަމަށް ހެދުމަކީ އަމާޒެއްކަމަސް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން ޢާންމުކޮށްފައިވާ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ސްޓްރެޓެޖީކް އެކްޝަން ޕްލޭންގައިވަނީ މިކަން ފާހަގަކޮށްފައެވެ. ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެދަށުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެއްވާފައެވެ. މިސްކިތްތައް އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 25 މިސްކިތެއް ހުށައެޅުމުން ރައީސް އޮފީހުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ބަޖެޓެއްވަނީ ހުށައަޅާފައެވެ.

އަދި މި 10 މިސްކިތުގެ ތެރެއަށް އިސްލާމިކް މިނިސްޓްރީން އިތުރު މިސްކިތެއްގައި އެސީ ކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެސީ ކުރުމަށްޓަކައި މިސްކިތްތައް ކަނޑައަޅާފައިވަނީ އަތޮޅުތަކުގައި ހުރި މިސްކިތްތަކުގެ ތެރެއިން މިހާތަނަށް އެސީކޮށްފައިނުވާ މިސްކިތްތައް ފާހަގަކޮށްފައިކަމަށެވެ. މިސްކިތްތައް އެސީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފ.ދަރަނބޫދޫގެ މިސްކިތުގައި ވަނީ އެސީ ހަރުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ 2023ގެ ނިޔަލަށް ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން މަދުވެގެން 80 އިންސައްތަ މިސްކިތްތަކުގައި އޭސީއަށް ބޭނުންކުރާނީ ޢީޢާދަކުރަނިވި ހަކަތައަށް ހެދުމެވެ.

މިއަމާޒަށް ވާޞިލްވުމަށްޓަކއި މިހާރުވެސް ރަށްރަށުގެ މިސްކިތްތަކުގައި އެސީ ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ވަނީ 3 މިސްކިތެއްގައި އެސީ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މިގޮތުން ޅ.ނައިފަރު މަސްޖިދުލްޣުފްރާން، ގއ.ގެނަމަނަފުށި މަސްޖިދުލްއިބްރާޙިމް އަދި އދ.ކުނބުރުދޫ މަސްޖިދުއްރަޙްމާންގައި އޭސީ ހަރުކޮށް ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު ވިއުގައާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަސަތޭކައަށްވުރެ ގިނަ މިސްކިތް ބިނާކޮށްފައިވާއިރު، މީގެތެރެއިން އޭސީކޮއްފައިވަނީ 218 މިސްކިތެވެ.