ޚަބަރު

ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުގެ ތަރައްޤީގެ ތަސައްވަރު - ރައީސް


ސަރުކާރުގެ ތަރައްޤީގެ ތަސައްވަރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އެކަން ހާސިލު ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނަށް ގެންންނަޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ތަރައްޤީގެ ބިންގާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނައުމުގެ ބޭނުމަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުމާއި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުންވެސް ހިމެނެއެވެ.

އަދި ޤާނޫނަށް ގެންނަ އިޞްލާޙުގައި ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ވަނީ ހިމަނާފައެވެ. މީގެއިތުރުން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް ހިމެނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަންވެސް ހިމަނާފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ކައުސިލަރުންގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ޤާނޫނު އަސާސީއަށް ގެންނަން ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިޞްލާހުގައިވެއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.