ޚަބަރު

ސިފައިންގެ ވެލްފެއަރ ރަނގަޅުކުރުމަށް ރައީސް މަސައްކަތް ކުރައްވާ- މިނިސްޓަރ މާރިޔާ


ސިފައިންގެ ވެލްފެއަރ ކަންކަން ރަގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރުމަށް ބޭއްވި ރަސްމިއްޔާތި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ސިފައިންގެ ވެލްފެއަރގެ ކަންކަންވެސް ރަގަޅުކޮށް ހަރުދަނާކުރެއްވުމަށް ރައީސް މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ޑިފެންސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިންގެ ތެރޭގައި ހިމެނެނީ އެމެރިކާ އިން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަކުރި ދެ އޮފިސަރުންނާއި އިންޑިއާއިން ތަމްރީން ފުރިހަމަކުރި ހަތަރު އޮފިސަރުންނެވެ. ކަމިޝަން ކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެމްބަރުންނެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުން ހިމެނެއެވެ.