ޚަބަރު

ގިނީގެ ދުސްތޫރަށް ބަދަލުގެނައުމާ ދެކޮޅަށް ކުރި މުޒާހަރާގައި 2 މީހުން މަރުވެއްޖެ


އެފްރިކާގެ ޤައުމެއްކަމަށްވާ ގިނީގެ ދަސްތޫރަށް ބަދަލުގެނައުމާ ދެކޮޅަށް އެ ޤައުމުގެ އެތައްހާސް ބަޔަކު ކުރި މުޒާހަރާއެއްގައި 2 މީހުން މަރުވެއްޖެއެވެ.

ގިނީގެ އަމަނާބެހޭ އިދާއިރާތަކުން ބުނީ މުޒާހަރާގައި މަރުވީ ފުލުހުންގެ މީހަކާއި ޢާއްމުންގެ މީހެއްކަމަށެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރަންޖެހުނީ މުޒާހަރާކުރި މީހުން ފުލުހުންނަށާއި ސަރުކާރުގެ ތަންތަނަށް ޙަމަލާދީ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމުންކަމަށެވެ.

ގިނީގެ ދަސްތޫރަށް ބަދަލުގެންނަން އެ ޤައުމުގެ ސަރުކާރުން މަސައްކަތްކުރަނީ ރައީސް އަލްފާ ކޮންޑޭ 3ވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތުދިނުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ. ގިނީގެ ރައީސް ކޮންޑޭގެ 2ވަނަ ރިޔާސީ ދައުރު 2020ވަނަ އަހަރު ހަމަވާއިރު 3ވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޤައުމުގެ ދަސްތޫރުގައި ދީފައެއްނުވެއެވެ. ނަމަވެސް އުމުރުން 81 އަހަރުގެ ކޮންޑޭވަނީ 3ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައެވެ. އަދި އެކަމަށް މަގުފަހިކުރުމަށް ޤައުމުގެ ދަސްތޫރަށް އިސްލާޙުގެނައުމަށް ނޫނީ އައު ދަސްތޫރެއް އެކުލަވާލުމަށް ކޮންޑޭވަނީ އޭނާގެ ސަރުކާރަށް އަމުރުކުރައްވާފައެވެ.

ގިނީގެ އިދިކޮޅު ލީޑަރުން ވިދާޅުވަނީ ތިންވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ކޮންޑޭއަށް ލިބޭގޮތަށް ދަސްތޫރަށް އިސްލާޙުގެނައުމުގެ މަސައްކަތް ހުއްޓާލަންދެން މުޒާހަރާތައް ކުރިޔަށް ގެންދާނެކަމަށެވެ.