ނަސްލީގޮތުން ސަޕޯޓަރުންގެ ދިމާކުރާތީވެ އެކަމުގެ އުނދަގޫ ބޮޑުވެގެން ދެ ފަހަރު ހުއްޓާލަން ޖެހުނު މެޗު ބަލްގޭރިޔާގެ މައްޗަށް ހަ ލަނޑުން އިނގިރޭސިން ކުރި ހޯދައިފި އެވެ.
މެޗުގެ ލަނޑުތައް ޖެހީ މާކަސް ރަޝްފޯޑާއި ރޮސް ބާކްލޭ އަދި ކެޕްޓަން ހެރީ ކޭން އާއި ރަހީމް ސްޓާލިން އެވެ. މީގެ ތެރެއިން ބާކްލޭ އާއި ސްޓާލިން ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖެހި އެވެ.
މި މޮޅާއެކު އިނގިރޭސިން އޮތީ ޔޫރީ ކޮލިފައިން ގްރޫޕް އޭގެ އެއްވަނާގަ އެވެ. އެއީ ދެ ވަނާގައިވާ ޗެކް ރިޕަބްލިކަށްވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
މި މެޗަށް ފަހު ވާހަކަ ދައްކަމުން އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ބުނީ އޭނާގެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފް ހައްގު ކަމަށެވެ.
"އެންމެން އެންމެ ބޭނުންވާ ވަރަށް އަހަރުމެންނަށް މަސައްކަތެއް ނުކުރެވޭނެ. އެންމެން ހިތްހަމަވެސް ނުޖެއްސޭނެ. އަހަރުމެން މި މެޗުން ދެ މެސެޖެއްދިނިން. އެއް ކަމަކީ އަހަރުމެން އުޅުނީ ފުޓްބޯޅަ ކުޅެންކަން. ދެ ވަނަ ކަމަކީ ބޭކާރު ކަންތައްތަކާހެދި (ނަސްލީ ގޮތުން ދިމާކުރާތީވެ) ދެ ފަހަރަކު އަހަރުމެން މެޗު ހުއްޓާލިން،" ގޭޓް ބުންޏެވެ.
އޭނާ އަދި ބުނީ މެޗުގައި ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވި ނަމަވެސް ކުޅުންތެރިން ދަނޑުން ފޭބީ އުފަލުން ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވުން. އަހަރުމެން އެކަން ކޮށްފިން. އަހަރުމެން އެބަޖެހޭ މިފަދަ މެޗުތަކުގައި ދިމާވެދާނެ ކަންކަމަށް ކުރީބައިގައި ވިސްނަން. އެކަމަކު މެޗު ނިމުނީ އަހަރުމެން އުފަލުން ތިބެ،" ބަލްގޭރިޔާގައި ކުޅުނު މެޗަށް ފަހު ކޯޗު ބުންޏެވެ.
މި މެޗުން ބަލިވުމުން ބަލްގޭރިޔާ އޮތީ ތިން ޕޮއިންޓާއެކު ޓޭބަލުގެ ފުލުގަ އެވެ. އެ ގައުމު އަންނަ އަހަރު ޔޫރޯ އަށް ކޮލިފައިނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.