ޚަބަރު

އިންކަމް ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި


ލިބޭ ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ "އިންކަމް ޓެކްސް"ގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ. ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން 40000 އާއި 60000 އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %8ގެ ރޭޓުން، 60000 އާއި 100000އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %10ގެ ރޭޓުން އަދި 10000އަށްވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތެއްނަމަ އިންކަމް ޓެކްސްގެ ގޮތުގައި %15 ނެގުމަށް އިންކަމް ޓެކްސްގެ ޤާނޫނުގެ ބިލުގައި ހުށަހަޅާފައިވެއެވެ.

އިންކަމް ޓެކްސް ނަގަން ފަށާއިރު 6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ލާފާކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އިންކަމް ޓެކްސް ދައްކާނެކަމަށް ލަފާކުރެވޭ 6000 މީހުންގެ ތެރެއިން 40000 އާއި 60000 ރުފިޔާއާ ދެމެދުގެ ޢާމްދަނީއެއް ލިބޭ 2600 އެއްހައި މީހުން ރާއްޖޭގައި އެބަތިބިކަމަށް ފިނޭންސްއިން ލަފާކުރައްވައެވެ.

އަދި 60000 އާއި 100000 އާ ދެމެދުގެ ޢާމްދަނީ ލިބޭ 2200 އެއްހައި މީހުން ރާއްޖޭގައި ތިބިއިރު، 100000 އަށްވުރެ މަތިން ޢާމްދަނީލިބޭ މީހުންގެ ޢަދަދު އުޅެނީ 1000އާ ގާތްކުރާ ޢަދަދެއްގައިކަމަށްވެސް ފިނޭންސްއިން ލަފާކުރައްވައެވެ. މި މީހުންގެ ތެރެއިން 40000 އާއި 60000 ރުފިޔާގެ ޢާމްދަނީ ލިބޭ މީހުން ދައްކަން ޖެހޭނީ އެންމެ ގިނަވެގެން 1600 އެއްހައި ރުފިޔާއެވެ.

ރާއްޖޭގައި އިންކަމް ޓެކްސްގެ ޤާނޫނެއް އެކުލަވާލުމުގައި މުހިއްމު 5 ކަމަކަށް ބަލާފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ނިޒާމަކީ އިންސާފުވެރި، ތަފާތުކުރުމެއްނެތް، ފަސޭހަ، ޚަރަދުކުޑަ، އަދި ވަކި އުޞޫލަކުން ތަންފީޒުކުރެވިގެންދާނެ ނިޒާމަކަށް ހެދުމަށް އިސްކަން ދެއްވާފައިވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އިންކަމް ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ ރާއްޖެއިންނާއި ރާއްޖޭން ބޭރުން ލިބޭ ޢާމްދަނީންނެވެ. އަދި ވަޒަންވެރިވެފައިނުވާ ފަރާތްތެއްނަމަ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީއަކުންނެވެ.