ކުޅިވަރު

ޗޯޓު އެނބުރި އައުމުން އިތުބާރު ބޮޑުވެއްޖެ: ނިޝްތާރު


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީއާއި ދެކޮޅަށް ފޯކައިދޫ ނިކުންނައިރު އެޓީމަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ 19 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ޓީމާއި ގުޅުންކަމަށް ށ.ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ސީރިޔާ ވާދަކުރި މެޗަށް ލީގު މެދުކަނޑާލުމަށްފަހު މިއަދު އަލުން ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ށ.ފޯކައިދޫއާއި ވިކްޓްރީއެވެ. ލީގުގެ ކުޅުން މެދު ކަނޑާލިއިރު، ފޯކައިދޫ އޮތީ ކުޅުނު 9 މެޗުން ހޯދި 12 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ.

ވިކްޓްރީއާއި ވާދަކުރާ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ށ.ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ޢަލީ ބުނީ، ޒުވާން ޤައުމީ ޓީމުގައި މެޗުތަކެއް ކުޅުމަށްފަހު ހަސަން ނަޒީމް (ޗޯޓު) އެނބުރި އައުމުން ޓީމަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެކަމަށާއި، އޭނަގެ ފަރާތުން ރަނގަޅު ކުޅުމަށް މިއަދުގެ މެޗުގައި ފެނިގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.

ޓީމުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޝްތާރު ބުނީ، އަދިވެސް ޓީމު އޮތީ ކުރިން އޮތް ހާލަތުގައި ކަމަށާއި، ގާތްގަޑަކަށް ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްވެސް އޮތީ މިހާލަތުގައިކަމަށެވެ. އެހެންކަމުން ޓީމު އޮތް ހާލަތަށް ނުބަލައި މެޗަށް ތައްޔާރުވެވެން އޮތް އެންމެ ރަނގަަޅަކަށް ޓީމު އޮތީ ތައްޔާރުވެފައިކަމަށް ނިޝްތާރު ބުންޏެވެ. ފޯކައިދޫ ޓީމުގެ އަންސަރު އިބްރާހިމް އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭއިރު، މުހައްމަދު ޖައިލަމް ސަސްޕެންޝަންގައި ހުރުމުން އޭނާއަށްވެސް މި މެޗުގައި ނުކުޅުވެނޭއެވެ.

"ޗޯޓު އެނބުރި އައުމުން ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ޓީމަށް. އުއްމީދު ކުރަން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދާނެކަމަށް. ދެން ޓީމުގެ ހާލަތަށް އަދިވެސް ބަދަލެއް ނާދޭ. ދެން އެކަން އެކްސްކިއުޒްއަކަށް ހަދައިގެން އުޅޭކަށް ބޭނުންނުވޭ. މީދެން ހުރިހާ ޓީމެއް ކަހަލަ ގޮތަކަށް އުޅޭ ގޮތް މިހާރު. މެޗަށް ތައްޔާރުވެވޭނެ އެންމެ ރަނގަޅަކަށް މިހާރު ޓީމު އޮތީ މި މެޗަށް ތައްޔާރުވެފައި." ނިޝްތާރު ބުންޏެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗު އާދަމް ޢަބްދުއްލަތީފް (ލައްޗޭ) ބުނީ، ޓީމުގެ ހާލަތު ކުރިޔަށްވުރެ މިހާރު ރަނގަޅުވަމުން އަންނަކަމަށާއި، އެގޮތުން 19 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު ދިޔަ ކުޅުންތެރިން އެނބުރި އައުމުން ޓީމް ހަމަޔަކަށް އެޅިފައިވާކަމަށެވެ. ލައްޗޭ ބުނީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން މާލޭގައި އުޅޭއިރުވެސް ފަރިތަކުރުންތަކަަށް ނާންނަކަމަށާއި، އެކަމާއިމެދު މެނޭޖްމަންޓަށްވެސް ކުރެވޭނެކަމެއް ނެތްކަމަށެވެ. އަދި ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުން އަންނަކަން ލައްޗޭ ފާހަގަކުރިއެވެ.

"ދެން މިހާރު ކުރިޔަށްވުރެއް ރަނގަޅު ޓީމުގެ ހާލަތު. އެއީ 19 އަހަރުން ދަށުގެ ޓީމާއެކީ ދިޔަ ކުޅުންތެރިންވެސް މިހާރު ޓީމާއި ގުޅި ފަރިތަކުރުންތަކުގައިވެސް ބައިވެރިވަމުން އަންނަނީ. ދެން ޓީމުގައި ހިމެނޭ ކުޅުންތެރިން މާލޭގައި އުޅޭއިރުވެސް ނާދޭ ފަރިތަކުރުންތަކަކަށް. މީގަ ދެން ނެތް މެނޭޖްމަންޓަށް ކުރެވޭ މާ ބޮޑު ކަމެއްވެސް." ލައްޗޭ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ވިކްޓްރީ 9 މެޗު ކުޅެފައިވާއިރު، އެ ހުރިހާ މެޗަކުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. އަދި އެޓީމު އޮތީ ލީގު ތާވަލްގެ ފުލުގައެވެ.